އިރާނުން އިޒްރޭލަށް ހަމަލާދޭން ތައްޔާރުވުމާއެކު މެދުއިރުމަތި ހޫނުވެއްޖެއެވެ.

މިމަހުގެ އެއްވަނަ ދުވަހު އިޒްރޭލުން ސީރިޔާގައި ހުންނަ އިރާނުގެ ކޮންސުލޭޓަށް ހަމަލާދީ އިރާނުގެ ސިފައިންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންތަކެއް މަރާލުމާ ގުޅިގެން އިރާނުން ވަނީ "ހިތިކޮށް" ބަދަލު ހިފާނެ ކަމަށް ބުނެ އިޒްރޭލަށް ހަމަލާ ދިނުމަށް ތައްޔާރުވެފައެވެ.

އިރާނުން އެގައުމުގެ ބަރުހަތިޔާރު ކުއްލި ހާލަތަށް ގެނެސް ހަނގުރާމައަށް ތައްޔާރުވެފައިވާ ކަމަށާއި މިފެށޭ ހަފުތާ ތެރޭ އިރާނުން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާއިން ވަނީ އިންޒާރުދީފައެވެ.

އިރާނުގެ ނިންމުންތަކާ ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ އިޒްރޭލަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ބުނެ އެލާޓްތައް ވެސް ނެރެފައެވެ.

އިޒްރޭލަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް އެލާޓް ނެރުނު ގައުމުތަކުގެ ތެރޭގައި ފްރާންސާއި އިންޑިއާގެ އިތުރުން ރަޝިޔާ ހިމެނެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން ވެސްވަނީ އެލާޓް ނެރެފައެވެ.

އެމެރިކާއިން ވެސް ވަނީ އިޒްރޭލު ހިމެނޭ ސަރަހައްދުތަކުގެ ގައުމުތަކަށް ދަތުރުކުރުމާއި އެސަރަހައްދުތަކުގައި ހިނގާ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް އެގައުމަށް ނިސްބަތްވާ މިހުންނަށް އަންގައިފައެވެ.

އިޒްރޭލުން ވެސް ވަނީ އިރާނުން ފޮނުވާފާނެ ހަމަލާއަކަށް ތައްޔާރުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ވައިގެ މަގުންނާއި އެއްގަމު މަގުން އިޒްރޭލަށް ހަމަލާ އަތުވެދާނެ ހުރިހާ ދޮރުތަކެއް ބަންދުކޮށްފައިވާ ކަމަށް އެގައުމުން ބުނެފައިވެއެވެ.