ލ. ކައްދޫގައި އޮންނަ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށާއި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހިމެނޭ ގޮތަށް ލ. ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރުމަށްޓަކައި ޗައިނާގެ ސީއޭއެމްސީއީ އިންޖިނިއަރިންއާ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްއެވެ. ޗައިނާގެ ކެމްސީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ލީ ވެއިވެއިއެވެ.
މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ "މެރިޓައިމް ހަބް" އަކީ މެރިޓައިމް ދާއިރާގެ ތަފާތު ގިނަ ހިދުމަތްތައް ފޯރުކޮށްދޭ، މެރިޓައިމްގެ ޒަމާނީ މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ.
އެގޮތުން ބަންކަރިން އާއި ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާ އަދި ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ކާބޯތަކެތި ގުދަން ކުރުމަށް ސްޓޯރޭޖެއް ގާއިމް ކުރުން މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކެއް ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން އިކޯ ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރާ އިރު އެތަނުގެ މުވައްޒަފުން ބޭސްވެފައި ތިބޭނީ ލ. ފޮނަދޫގައި ކަމަށް އެމްޕީއެލްއިން ބުނެއެވެ. މި ރިސޯޓު ތަރައްގީ ކުރާނީ ގާދޫ އާއި ފޮނަދޫއާއި ދޭތެރޭ އޮންނަ ފަޅުގައެވެ.
ޢޭގެ އިތުރުން އެއާޕޯޓު ތަރައްގީ ވުމަށްފަހު މަދުވެގެން 2000 ވަޒިފާ އުފެދޭނެ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
ކައްދޫ އެއާޕޯޓު ތަރައްގީކުރަން ވެސް ވަނީ ސޮއިކޮށްފައެވެ. ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާއެކު މި ފަހުމުނާމާގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބުއެވެ.
ރައީސް މިރޭ ވަނީ ކައްދޫގެ އެއް ބައި ޓޫރިޒަމަށް ހާއްސަކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އަދި ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓު މިހާރު ރީޖަނަލް އެއާޕޯޓްސްގެ ދަށަށް ބަދަލުކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު