ރާއްޖެއަށް މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި ނެރުއްވި ހަނދާ ބެހޭ ބަޔާނުގައި ވިދާޅުވެފައިވަނީ މިއަދު އިރުއޮއްސުނު ފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޝަރުއީ ގޮތުން ސާބިތުނުވާތީއާއި ފަލަކީ ގޮތުންވެސް ހަނދު ފެނުނުކަން ސާބިތުނުވާތީ، މާދަމާއަކީ، ރޯދަ މަހުގެ ފަހު ދުވަސް ކަމަށާއި އަދި އަންނަ ބުދަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

މިއަހަރު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކާ ހިލާފަށް ހެނދުނު 7:00 ޖަހާއިރެވެ.

ފިތުރު އީދުގެ ދުވަސްތައް މި އަހަރު މާލެ އާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތަކާއި ސިޓީތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.