ޓްރާންޝިޝަން ޕީރިއަޑުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް މިހާރުގެ މަޖިލީހުން ފާސްކޮށް ނުދިނީ، ބަޖެޓްގައި ހިމެނި މަޝްރޫއުތައް ކުރިއަށް ގެންދާނެކަން ޔަގީންވާތީ އެކަންކަން ހުއްޓުވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ އަލީ މޫސާގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ހުރީ ފޮތުގައި ލިޔެ ހުރިހާ އެންމެންނަށް ފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް މަޖިލީހުގެ އެއްބާރުލުން، ސަރުކާރަށް ނުލިބޭ ކަމަށްވާނަމަ، އެ ވައުދުތައް ނުފުއްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބަޖެޓް ފާސްނުކޮށްދިނަސް އަޅުގަނޑުމެން ކޮންތާކަށްތޯ ދާނީ. ބަޖެޓް ފާސްނުކޮށްދިނީމަ އެ ބޭފުޅުން ބޭނުން ގޮތަކަށް ހަމަ މައްސުނިކޮށްފައި ބަދަލުކޮށްފައި ފާސްކޮށްލީމަ އަޅުގަނޑުމެން ތިބޭނީ ތާށިވެފައި ނުންތޯ. އަޅުގަނޑު ބޭނުމެއް ނޫން އެކަންވާކަށް އެހެނެއް. މިހާރު މިއޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓް އޮތީ އެހެން،" ރައީސް ވިދާޅުވިއެވެ.

"ކެމްޕޭންގެ އަޅުގަނޑުވީ ވައުދުތައް ފުއްދަން އަޅުގަނޑުމެންނަށް ދިނީ 10 ވަރަކަށް ދުވަސް ޓްރާންޝިޝަން މަރުހަލާގައި ބަޖެޓާ އެއްޗެހި ހުށަހަޅަން، އެ ބޭފުޅުންގެ ސަރުކާރު، އެ ބޭފުޅުންގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް. އަޅުގަނޑު ހިމެނިން ހުރިހާ އެއްޗެއް، އިކޮނޮމިކް މިނިސްޓާ ހުންނަވާނެ އެ ކޮމިޓީގައި، އަޅުގަނޑުމެންގެ 10 ވަރަކަށް ބޭފުޅުން ތިއްބަވައިގެން ވަރަށް އަވަދިނެތި ރެއާއި ދުވާލު މަސައްކަތްކޮށް ހުރިހާ މަޝްރޫއެއް ހިމަނާފައި ފޮނުވީ މިއަހަރަށް ހިންގޭނެ ހުރިހާ މަޝްރޫއެއް ހިމަނާފައި. އަދި ފައިސާ ޖަހަންވީ ވަރާ އެއްޗެހި އަދަދުތައް ހިމަނާފައި. އެކަމަކު އެކަންކަން އަޅުގަނޑުމެން ކުރާނެކަން އެނގޭތީ އެ މަޖިލީހުން މިހާރު މިއޮތް މަޖިލީހުން ކިހިނެއްތޯ ހެއްދެވީ. އެ މަޝްރޫއުތައް ނުހިންގޭ ގޮތަށް ބަޖެޓް ފާސްކުރީ. އެކި މަޝްރޫއުތައް އުނިކޮށް އަނެއްބައި މަޝްރޫއުތައް ހިމެނީ އަހަރުގެ ފަހު ކުއާޓަރުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތުގައި އެންމެ ދުވަހެއް ވެސް ބޭކާރު ކުރަން ބޭނުންފުޅުނުވާ ކަމަށެވެ. މަޖިލިސް ތެރެއިން ތަރައްގީއަށް ހުރަސް އަޅައި އަމިއްލަ ކަންތައްތަކެއް ހާސިލުކުރަން އުޅޭ ބަޔަކު ހޮވައިގެން ތަރައްގީ ނުގެނެވޭނެ ކަމަށެވެ. އަދި އިގުތިސޯދީ ވަރަށް ގިނަ މަސައްކަތެއް މިހާރު ފެށިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެހެން ބޮޑެތި މަޝްރޫއުތަކެއް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއާ އެކު ރާއްޖޭގެ ތަރައްގީ މުޅިން އާ ހަރުފަތަކަށް އުފުލިގެންދާނެ ކަމަށާއި އެއީ ރާއްޖޭގައި މިހާތަނަށް ފަށާނެ އެންމެ ބޮޑު އިގުތިސޯދީ މަޝްރޫއު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެވަރު ކަމެއް ކުރަން ތައްޔާރުވެފައިވާ އޮތްވައި ދާއިރާގެ ގޮޑީގައި މިކަމުގެ އެހެން ހިޔާލެއް ގެންގުޅޭ ބޭފުޅަކު ހިޔާރު ކުރުމަކީ ބުއްދީގެ ހަމަތަކުން އަޅުގަނޑަކަށް ދެކޮޅުޖެއްސޭ ވާހަކައަކަށް ނުވޭ ހަމަ ގައިމުވެސް. ފުރިހަމަ އެއްބާރުލުން އަޅުގަނޑަށް ދޭނެ އަޅުގަނޑު އެ ބޭފުޅަކަށް ފުރިހަމަ ތާއީދު އޮތް ބޭފުޅަކު ނުންތޯ ތިބޭފުޅުން ހިޔާރުކުރައްވަން ޖެހޭނީ،" ރައީސް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގެ ތަރައްގީގެ މަޝްރޫއު ހަމަ އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދަކީ ފަސް އަހަރުގެ ތެރޭގައި ފުއްދޭނެކަމުގެ ޔަގީންކަމާ އެކު ވެވަޑައިގެންނެވި ވައުދުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.