މަޖިލިސް އިންތިހާބުގައި މިފަހަރު އައްޑޫ ސިޓީގެ ގޮނޑިތަކަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުން ހޮވައިދީ، އާ ތާރީހެއް ލިޔެދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޑޫގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މަރަދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަމީތުގެ ޖަގަހަ ހުޅުއްވައިދެއްވައި ރައީސް މިރޭ ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭންގައި އައްޑޫ ސިޓީއަކީ ވަރަށް މުހިންމު ހިއްސާއެއް އޮތް ސިޓީއެއް ކަމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުތަކުގެ ދަށުން ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެއް އިންޓެގްރޭޓެޑް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ އިރު، މީގެ އެންމެ މުހިންމު ތަރައްގީގެ ނާރެސްގެ ގޮތުގައި ކަނޑައެޅިފައި އަދި އެމަނިކުފާނު އިއުލާންވެސް ކުރައްވާފައިވާ ސަރަހައްދަކީ އައްޑޫ ސިޓީ ކަމަށެވެ.
"އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަކަށް ތަރައްގީ ގެނައުމުގައި ރައްޔިތުން އަޅުގަނޑަށް މި މަސައްކަތް ކުރުމަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ ޕްލޭންތައް ނުވަތަ 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި ބޭނުންފުޅުވަނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާއާއެކު ތަރައްގީގެ ޕްލޭންތައް ފާސްވެގެން ދިއުން ކަމަށެވެ. އަދި އެކަމަށް ހާއްސަ ގާނޫނެއް މަޖިލީހުން ފާސްކޮށްފައި އޮންނަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެ ޕްލޭންގައި މިއޮތީ އައްޑޫ ސިޓީގެ ތަރައްގީގެ ވާހަކަތައް. އެހެންވީމަ މިފަހަރު އައްޑޫ ސިޓީގެ ހުރިހާ ދާއިރާތަކަކަށް އަޅުގަނޑު ވަރަށް އިހުލާސްތެރިމަކާއެކު ރައްޔިތުން ކިބައިން އެދެނީ ތާރީހު ބަދަލުކޮށްދެއްވާށޭ، އަޅުގަނޑަށް މިފަހަރު އިތުބާރު ކޮށްދެއްވާށޭ. އަޅުގަނޑަށް ކޮށްދޭ އިތުބާރަކަށްވާނީ އަޅުގަނޑުގެ ފަރާތުން، އަޅުގަނޑު އިތުބާރުކުރާ، އަޅުގަނޑު ތާއީދުކުރާ ޕީއެންސީގެ ކެނޑިޑޭޓުން ހޮއްވަވައިދެއްވުން. އެއީ ތިބޭފުޅުންނަށް ދެއްވޭން އޮތް އެއްބާރުލުމަކީ މިހާރު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަބަދުވެސް އެއްބަޔަކަށް އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލިސް ތެރޭގައި ބަސްކިޔުމަށް ފުރުސަތު ދީފައި އޮތުމުން މިހާތަނަށް ހަގީގީ މާނައިގައި އައްޑޫ ސިޓީއަށް ތަރައްގީ ހާސިލުނުވާ ކަމަށެވެ.
"އެއީ އަަޅުގަނޑު މި ޕޯޑިއަމްގައި ހުރެ ދައްކާ ވާހަކައަކަށްވުރެ ބޮޑަށް ސިޓީގެ ރައްޔިތުން ކޮންމެ ދުވަހަކު ހެކިވެވަޑައިގަންނަވާ ކަންކަން. އެކި ވަރުގެ މަޝްރޫއު ހިންގާފައި އެބަހުރި ނަމަވެސް މުޅި ސިޓީއަށް ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުން ބޭނުންވާ ތަރައްގީގެ ވިޝަން ގެނެސްދެވިފައެއް ނުވޭ، އެހެންކަމުން މަޖިލިސް ގޮނޑިތަކުގައި މާނަހުރި ތަރައްގީގެ ވިސްނުމަށް އެއްބާރުލުން ދޭނެ ބޭފުޅުން ކޮޅެއް މިފަހަރު ހޮއްވަވައިދެއްވުމަކީ ތަރައްގީއަށް ޖަހައިދެވޭ ފާހަގައަކަށްވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ތަޖުރިބާ ކޮށްލުމަށް ނުވަތަ އަޖުމަ ބަލައިލުމަށް ވިޔަސް މިފަހަރު ޕީއެންސީގެ ކެނޑިޑޭޓުން ހޮވައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ކެނޑިޑޭޓުން ހޮވައިދީފިނަމަ، ނަތީޖާ ނެރެދެއްވާނެ ކަމަށާއި އައްޑޫގެ ރައްޔިތުން ތާއަބަދު އުންމީދު ކުރަމުން އައި ތަރައްގީ ހޯދައިދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު