ކިތަންމެ ވަރަކަށް ފާޑުކިޔަސް ޖެހިލުން ނުވާ ކަމަށާއި މި ގައުމަށް ވަކި ފަރުދެއް މުހިންމު ނުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނުސީދާ ރައްދެއް ދެއްވައިފިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަދުރޭގެ ކެމްޕޭން ހަރަކާތެއްގައި މިރޭ އޭނާ އެހެން ވިދާޅުވެފައި މިވަނީ، ޕީޕީއެމުން ވަކިވެވަޑައިގެން ރައީސް ޔާމީން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީން ގެންދަވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ވެސް ފާޑުވިދާޅުވަމުންނެވެ.

ކެމްޕޭން ހަރަކާތުގައި މިރޭ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުންނެއް ރައީސް މުއިއްޒުގެ ސަރުކާރަށް އުނދަގޫވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެއީ ޔަގީންކަމެއް ކަމަށެވެ. އަދި ރައީސް މުއިއްޒާއެކީގައި ސާބިތުވެ ތިބީ ވަރަށް ކެރިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފާޑުކިޔާ ބޭފުޅުން ފާޑު ކިތަންމެ ވަރަކަށް ކިޔަސް، އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ޖެހިލުމެއް ކުޑަކޮށް ވެސް ނެތް. އަޅުގަނޑުމެންނަށް އަބަދުވެސް މުހިންމީ ދިވެހި ގައުމު، އަޅުގަނޑުމެންނަށް އަބަދުވެސް މުހިންމީ ދިވެހި ރައްޔިތުން. އަޅުގަނޑުމެންނަކަށް އެއްވެސް ވަކި ފަރުދެއް މުހިންމެއް ނޫން، އަޅުގަނޑުމެންނަށް މުހިންމީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު. ދިވެހިރާއްޖޭގެ ހަމަޖެހުން، ދިވެހިރާއްޖޭގެ ރައްކާތެރިކަން، ދިވެހިރާއްޖޭގެ ތަރައްގީ،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް މުއިއްޒު ހުންނެވީ ވަރަށް ސާބިތުކަމާއެކީގައި ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމުގެ މާތް ނިޔަތުގައި ކަމަށާއި މި ގައުމުން ބަދަލު ހިފުމުގެ ރޫހު ނައްތާލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަފުޅަކީ ވަރަށް ހިތްހަމަޖެހޭ ވާހަކަފުޅެއް ކަމަށެވެ. އަދި މިހާތަނަށް މި ޑިމޮކްރަސީގައި މި ހޭދަވި ދުވަސްވަރުގެ ތެރޭގައި ސިޔާސީ ކޯޅުމާއި ޒާތީ ޖަދަލުކުރުމުގެ ތެރޭގައި މި ގައުމު އޮތީ ގެއްލި ހަލާކުވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ ސިޔާސީ ކޯޅުން ދޫކޮށްލާފައި، ޒާތީ ޖަދަލުކުރުން ދޫކޮށްލާފައި ހަމަޖެހުން ގާއިމުކުރަން. މި ދިވެހި ގައުމު ހަމަޖެހުމުގެ ނޭވާއެއް ލާން އެބަޖެހޭ. ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ލިބެން އެބަޖެހޭ. މިއީކީ ހަމައެކަނި ސިޔާސީ ލީޑަރުންގެ ގައުމެއް ނޫން، މިއީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ގައުމެއް ވެސް ނޫން، މިއީ ކޮންމެ ދިވެހި ރައްޔިތެއްގެ ގައުމެއް، އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގު މި ގައުމުގައި އެކުލެވިގެންވޭ،" އޭނާ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު އެ ހުންނެވީ ރައްޔިތުންނަށް ހައްގު ހޯއްދަވައިދެއްވައި، ރައްޔިތުން ބޭނުންވާ އުފާވެރި ގައުމު ބިނާކޮށްދެއްވުމަށް ކަމަށާއި އެމަނިކުފާނަށް އެ ގައުމު ބިނާކުރުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.