އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއެއްގައި ފެންނަ ގޮތުގައި، މިސްކިތެއްގެ ފާހާނާ ތެރޭގައި ހުރި އެ ކުއްޖާއަށް ހަތަރު ވަރަކަށް ކުދިންގެ ގްރޫޕަކުން ވަނީ ހަމަލާދީ އަނިޔާކޮށްފައެވެ. ނަމަވެސް އެ ހަމަނުޖެހުން ހިނގީ ކޮން ސަބަބަކާ ގުޅިގެންކަން ސާފެއް ނުވެއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން، މީޑިއާތަކަށް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެކަން ކުރިކަމަށް ޔަގީންކުރެވެނީ އއ. ރަސްދޫގައި ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތުކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށާއި އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށެވެ.

އެ ވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ މަންޒަރުތަކަކަށްވުމާއެކު އެ ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސާކިއުލޭޓް ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.