އިސްރާއީލުގައި މަސައްކަތްކުރުމަށް އިންޑިއާގެ އިންޑިއާގެ ޓީމެއް ފުރައިފިއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އާންމު ހާލަތަށް ބުރޫއަރައި އެގައުމުގައި އެކި ބާވަތްތަކުގެ މަސައްކަތްކުރުމަށް މީހުން ލިބުން ދަތިވުމާއެކު އިންޑިއާ ސަރުކާރާ ދެމެދު އިސްރާއީލުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

އެކަމާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އިންޑިއާއާއި އިސްރާއީލު އެއްބަސްވެފައިވާ ގޮތަށް އެގައުމުން އިސްރާއީލުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް މީހުން ފޮނުވުމުގެ ފުރަތަމަ ޓީމު މިދިޔަ ހަފުތާގައި ފުރާފައިވާ ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވިދާޅުވެފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އިންޑިއާގެ މަސައްކަތު މީހުން އިސްރާއީލަށް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

ތަރުޖަމާނު ވިދާޅުވީ ފުރަތަމަ ޓީމު އިސްރާއީލަށް ގޮސްފައިވާ ކަމަށާއި އެންމެ ބޮޑު އަހައްމިޔަތުކަމެއް ދޭނީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި އިސްރާއީލުން ވަނީ އެމީހުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އިންޑިއާގެ 18000 އަށްވުރެ ގިނަ މަސައްކަތްތެރިން އިސްރާއީލުގައި މިހާރުވެސް އެކި ވަޒީފާތަކުގައި ތިބި ކަމަށް އޮފިޝަލުން ބުނެއެވެ. މިފަހުން ދެ ގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވަނީ އިތުރު 40،000 މީހުން އިސްރާއީލަށް ފޮނުވުމަށް ނިންމައިފައެވެ.