ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް މަޖިލީހުގެ އެއްބާރުލުން މުހިންމު ކަމަށެވެ. ރައީސް ވިދާޅުވީ މަޖިލީހުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މިއަހަރު އެ މަނިކުފާނު ފަށަން ގަސްދުކުރެއްވި ބައެއް މަޝްރޫއުތައް ބަޖެޓް ހަމަނުޖެހުމުގެ ސަބަބުން ފެށިފައިނުވާ ކަމަށެވެ.

"ސަރުކާރުގެ މެނިފެސްޓޯގައިވާ ހުރިހާ ވައުދުތައް ފުއްދެވުމަށް 200 އަށްވުރެ ގިނަ އިސްލާހާއި އާ ބިލްތައް ހިމެނޭހެން ގާނޫނުތައް ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ. މިކަންކަމެއް ނުވާނެ މިކަންކަން ކޮށްދިނުމުގެ ވިސްނުމުގެ ބަޔަކު ރައްޔިތުން ހިޔާރުނުކޮށްފިނަމަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ ތެރެއިން މިހާރު ވެސް ދަނީ ސަރުކާރުން، ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސް އަޅަމުން ކަމަށެވެ. އެފަދަ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، އެ މަނިކުފާނު، ރައްޔިތުންގެ ކުރިއެރުމަށް ކުރަން ނިންމަވާފައިވާ އެއްވެސް ކަމެއް ނުކޮށްދެއްވޭނެ ކަމަށެވެ. އެހެންކަމުން އެކަމަށް ފުންކޮށް ވިސްނުމަށްފަހު މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ފަށައިފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށާއި އެ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 527 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި އެ ސަރުކާރުގެ މަސައްކަތް ހުއްޓާނީ އެ މަނިކުފާނު ކަމަށާއި ނަމަވެސް ހަގީގަތަކީ މަޝްރޫއުތަކުގެ މަސައްކަތް ހުއްޓިފައި ވަނީ އެމްޑީޕީ ސަރުކާރުން، ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިނުވުމުގެ ސަބަބުން ކަމަށެވެ. މި ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާ ހަވާލުކޮށް، އަލުން މަޝްރޫއުތަކުގެ މަސައްކަތް ފަށައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.