ތުރުކީގެ ނައިޓް ކުލަބެއްގައި އަލިފާން ރޯވެ 29 މީހުން މަރުވެއްޖެއެވެ.

ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ހުންނަ އިމާރާތެއްގެ ބޭސްމެންޓްގައި ހުރި ނައިޓް ކުލަބުގައި އަލިފާން ރޯވި ހާދިސާގައި އަނިޔާވެފައި ވަނީ އެންމެ މީހަކަށް ކަމަށް އޮފިޝަލުން ބުނެއެވެ. އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ.

އިސްތަންބޫލުގެ ގަވަރުނަރު ޑަވުޓް ގޫލް ވަނީ އެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، ހާތަލު ބައްލަވާފައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. ގަވަރުނަރާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާ ކަމަށާއި ތަހުގީގު ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އަންގާރަ ދުވަހު، އެ ހާދިސާ ހިނގި ވަގުތު އެ ކުލަބު ހުރީ ބަންދުކޮށްފައި ކަމަށާއި މަރުވި އެންމެންނަކީ ވެސް އެ ކުލަބުގެ މަރާމާތުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާގެ ތަހުގީގަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ އިރު، އެ މީހުންގެ ފަރާތުން ޝައްކު ކުރެވޭ ކަންކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަލިފާނުގެ ރިޕޯޓު ލިބުމާ އެކު ފަޔާ ފައިޓަރުން އެސަރަހައްދަށް ދިޔައިރު، އެ އިމާރާތުގެ އަޑިޔަށް ހުރި ދެ ފްލޯވެސް ރޯވެ އަނދަމުން ދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ.