އެ މަނިކުފާނުގެ ސަރުކާރުން ގައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް ލިބޭ އާމްދަނީއަކުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ސަރަހައްދުގައި މިރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިދިޔަ ފަސް އަހަރުގައި ކަންކަން ކުރީ ފައިސާ ޗާޕުކޮށްގެން ކަމަށްވިޔަސް މި ސަރުކާރުން ކަންކުރާނީ އެގޮތަށް ނޫން ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ މުހިންމު އިގުތިސޯދީ އެޖެންޑާއަކީ ފަައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށާއި އެކަން ކުރައްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެކަން ވާނީ ހުއްޓާލާފަ ވައުދުވީ ގޮތަށް. ދެން މިކަން ހަޖަމު ނުވަންޏާ ނުވާންވީ. އެކަން އެެ އޮތީ ކޮށްފައި. އެކަން އެ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ގަބޫލުކޮށްފައި، ވޯލްޑް ބޭންކުން އެކަން ވަނީ ފާހަގަކޮށްފައި. ފައިސާ ޗާޕްނުކޮށް އަޅުގަނޑުމެން މި ގައުމު ހިންގާނީ،" ރައީސް ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރު 2.88 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 1.13 ބިލިއަން ރުފިޔާ ކަމަށް ބުނެ އިދިކޮޅުން ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދައިގެ ފަރަގަކީ ވެސް ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.
އެގޮތުން މިދިޔަ ސަރުކާރުން އެ މުއްދަތުގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވަނީ ދެ ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ކަމަށާއި ހަގީގަތުގައި ހިންގިފައިވަނީ 900 ވަރަކަށް މިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ލޯނު ނުނަގައި، އޯވާޑްރާފްޓު ނުނަގައި 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު އެހެރީ ހިންގާފައި،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު