ދަނޑުވެރިކަން ކުރުމަށް ކަމަށް ބުނެ ޗައިނާ އިން އުތުރު ތިލަފަޅުގައި އެ ގައުމުން ކުރަން ބޭނުންވަނީ އަސްކަރީ މަސައްކަތްތަކެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައިލް ތުހުމަތު ކުރައްވައިފިއެވެ.
ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމްކުރުމަށް، އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ހުސްވި މާޗު މަހުގެ 29 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ މާފަންނު ދެކުނު ދާއިރާގައި މިރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އުތުރު ތިލަފަޅުގައި ރިސޯޓް ހަދަން ދޭނަމަ ދައުލަތަށް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 150 މިލިއަނާއި 200 މިލިއަން ޑޮލަރުގެ ލިބޭނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ބޮޑެތި ބިންތައް އޮއްވައި އަދި އުތުރު ތިލަފަޅުގައި އިގުތިސާދީ ބޮޑު މަޝްރޫއެއް ނުވަތަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގެން އޮއްވައި ދަނޑުވެރިކަން ކުރަން ދޭން އުޅެނީ ކީއްވެތޯ ފައްޔާޒު ސުވާލު އުފެއްދެވިއެވެ.
"ހަގީގަތަކީ މީގައި އެބަ އޮތް ޖިއޯޕޮލިޓިކްސް ވަރަށް ގިނަ ކަންތައްތައް ގުޅިފައި. ގަސް އިންދާކަށް ނޫން އެތަނަށް އެ އަންނަނީކީ. އެތަނުގެ ކުރިމަތީގައި އެ އޮތީ އެމްއެންޑީއެފްގެ ވަރުގަދަ ބަނދަރެއް. އެތަނުގެ ކުރިމައްޗަށް މި އަންނަނީ މި ހިސާބުން ދުރު ބޮޑު ގައުމެއްގެ މިލިޓަރީ މަސައްކަތް ކުރަންވެގެން،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޗައިނާގެ އަސްކަރީ އުޅަނދެއް ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ތިން މަސް ވަންދެން ހަރަކާތްތެރިވެ، ރާއްޖޭގެ ކަނޑުއަޑި ބަލައި ޗާޓެއް ހަދަމުންދާ ކަމަށެވެ. އެ މަސައްކަތް ކުރަނީ އެއްބަސްވުމެއް އޮވެގެން ކަމެއް ނެތި ކަމެއްވެސް ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.
"ބިރުވެރިކަމަކީ ކުރިއަށް އޮތްތަނުގައި މި ސަރަހައްދުގައި ހަނގުރާމައަކާ ދިމާލަށް ދިއުމުގެ ސައިންތައް މި ފެންނަނީ. މާދުރުގައި އޮތް ބާރެއް ގެނެސް މި ސަރަހައްދަށް އިންޑިއާ ކަނޑުގެ ތެރެއަށް ވައްދައިގެން މި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަމަސަލަސްކަން ނަގާލަން އުޅޭތަން. ވަރަށް ބިރުވެރި ކަންތައްތަކެއް ވެގެން މިދަނީ،" ފައްޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު