ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިރޭ "ވަން" އަށް ވިދާޅުވީ އެކަން ކުރައްވަން މަސައްކަތް ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން އެންމެ އަވަހަކަށް އަދި އެންމެ ސީދާކޮށް ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭނެ ތިން ފަރާތަކާ މަޝްވަރާ ކުރަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެއް ބަޔަކީ ގަތަރުގެ ރެޑް ކްރެސެންޓް ކަމަށާއި އެ ޖަމިއްޔާ މެދުވެރިކޮށް މީގެ ކުރީން ދެ ފަހަރެއްގެ މަތީން ރާއްޖޭން އެހީ ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. އަނެއް ދެ ފަރާތަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ފަލަސްތީނާ ސީދާ ގުޅިފައި އޮންނަ މިސްރުގެ ޒަކާތް ހައުސް އަދި ކުވެއިތެވެ.

"އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމައި، ގާޒާއަށް އެހީ ފޮނުވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނަށް މެދުކެނޑުމެއް ނެތި ދެމުން ގެންދާ ހަމަލާގައި އެ ގައުމުގެ އެތައް ހާސް ބަޔަކު ޝަހީދު ވެފައިވާއިރު، އެ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭން ވަނީ ދެ މިލިއަން މަސް ދަޅު ހަދިޔާކޮށްފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ތަކެތި ހަދިޔާކުރަން ނިންމި ނަމަވެސް އެ ތަކެތި ފޮނުވުމުގައި ހުރި ދަތިތަކާ ހެދި އެކަންވާ ގޮތެއް އަދި ނުވެއެވެ.