ގާޒާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީވުމަށް ލަންކާއިން އެއް މިލިއަން ޑޮލަރު ދީފިއެވެ.

ސްރީލަންކާގެ ސަރުކާރުގެ ފަރާތުން ދިން އެހީ ރަސްމީކޮށް އދ. މެދުވެރިކޮށް ފަލަސްތީނު ސަރުކާރަށް ފޮނުވާފައިވާކަމަށް ލަންކާގެ އޮފިޝަލުން މައުލޫމާތުދީފައިވެއެވެ.

ލަންކާއިން ގާޒާގެ ކުޑަކުދިންނަށް ދިން އެހީ ރަމްޒީގޮތުން ހަވާލު ކުރުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެއް މިލިއަން ޑޮލަރުގެ އެހީގެ ޗެކު ލަންކާގެ ފަރާތުން އެގައުމުގެ ރައީސް ރަނިލް ވިކްރަމަ ސިންހަ ވަނީ ފަލަސްތީނުން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒުހައިރު ޒައިދު އަށް އަރުވައިފައެވެ.

ލަންކާގެ ސަރުކާރުން ދިން އެހީއަކީ ރައީސް ރަނިލް ވިކްރަމަ ސިންހަގެ އިސްނެންގެވުމުގެ ދަށުން އުފައްދާފައިވާ ''ޗިލްޑްރެން އޮފް ގާޒާ ފަންޑް'' އަށް ލިބުނު 20 މިލިއަން ރުޕީސް އަށް ވާ އެމެރިކާ ޑޮލަރު ކަމަށް އޮފިޝަލުން ބުނެއެވެ.

''ޗިލްޑްރެން އޮފް ގާޒާ ފަންޑް'' އަށް އެހީ ފޮނުވުމަށް މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ފަންޑު ހުޅުމާލުމަށް ވަނީ ހަމަޖެހިފައެވެ.