އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނުން އަމުރުކޮށްފައިވާ ގޮތަށް އިންޓަރެސްޓާއެކު ސަން ޓްރެވަލްސް އިން ހިލްޓަންއަށް 31.2 މިލިއަން ޑޮލަރު ދައްކައިފިއެވެ.

ހިލްޓަން އިންޓަނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާއި ސަން ޓްރެވަލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އިރުފުށި ބީޗް އެންޑް ސްޕާ ރިސޯޓު ހިންގުމަށް 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސަން ޓްރެވަލްސްއިން އެ އެއްބަސްވުން 2013 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ބާތިލުކުރުމުން ހިލްޓަންއިން ވަނީ ސަން ޓްރެވަލްސްއާ ދެކޮޅަށް އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަންއަށް މައްސަލަ ހުށަހަޅައިފައެވެ. 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އައިސީސީ ކޯޓް އޮފް އާބިޓްރޭޝަނުން، އާބިޓްރޭޝަން ބައްދަލުވުމުން ބާއްވާނެ ތަނެއް (ސީޓް އޮފް އާބިޓްރޭޝަން)ގެ ގޮތުގައި ސިންގަޕޫރު ކަނޑައަޅާފައިވެއެވެ.

އެ މައްސަލު ބެލުމަށްފަހު ސިންގަޕޫރު އާބިޓްރޭޝަނުން 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު "ޕާޝަލް އެވޯޑް" އަދި 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު "ފައިނަލް އެވޯޑް" ނެރެފައިވެއެވެ. އެ ފައިނަލް އެވޯޑުގެ ދަށުން ޓްރެވަލްސްއިން ހިލްޓަންއަށް 20،945،000 ޑޮލަރު ދައްކަން ވަނީ އަމުރުކޮށްފައެވެ. އަދި ވަނީ ޖޫރިމާނާ އާއި އިތުރު ހަރަދުތައް ދެއްކުމަށްވެސް އަމުރުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ސަން ޓްރެވަލްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު ސަން އިން އެ ފައިސާ ހިލްޓަންއަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށާއި އާބިޓްރޭޝަނުން ހިލްޓަންއަށް އެވޯޑުކުރި ފައިސާ އާއި އިންޓަރެސްޓުގެ ގޮތުގައި ޖުމުލަ 31،252،874.46 ޑޮލަރު ދައްކާފައިވާނެ ކަމަށެވެ. އަދި މުޅި އެ މައްސަލައާ ގުޅިގެން ގާނޫނީ ވަކީލުންނާއި ޚަބީރުންނަށް ކުރި ހަރަދާއި ގުޅުންހުރި އެހެނިހެން ހަރަދުތައް ހިމެނޭގޮތުން 5.6 މިލިއަން އެމެރިކާ ޑޮލަރު ސަން އިން ހަރަދުކުރަން ޖެހުނު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިރުފުށި ރިސޯޓަކީ ނ. މެދަފުށީގައި ސަން އިން ހަރަދުކޮށްގެން ތަރައްގީކޮށް، 2008 ވަނަ އަހަރުގެ އޮގަސްޓް މަހު ހުޅުވާފައިވާ 221 ކޮޓަރީގެ މައްޗަށް އެކުލެވޭ ފަސް ތަރީގެ ރިސޯޓެކެވެ. އެއީ ނ. އަތޮޅުގައި ހުޅުވި އެންމެ ފުރަތަމަ ޓޫރިސްޓް ރިސޯޓެވެ.

ސަންގެ ބަޔާނުގައި ބުނީ މެނޭޖްމަންޓު އެގްރީމަންޓުގެ ދަށުން އިރުފުށި ރިސޯޓު ހިންގަން ހިލްޓަންއާ ހަވާލުކުރުމާ ހަމައަށް ވެސް ސަން އިން އެ ރިސޯޓު ހިންގަމުން ދިޔައީ ކާމިޔާބުކަމާއެކު ކަމަށާއި ރިސޯޓު ހުޅުވައި ސަން އިން އަމިއްލައަށް ރިސޯޓު ހިންގަމުން ދަނިކޮށް 2008 ވަނަ އަހަރުގެ ފަހުކޮޅު ހިލްޓަންގެ ފަރާތުން ރިސޯޓު ހިންގުމުގެ ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި އިރުފުށީ ރިސޯޓަކީ "ހިލްޓަން" ބްރޭންޑުގެ އެހެން ރިސޯޓުތަކަށްވުރެ ރަނގަޅު ފެންވަރެއްގައި ހަދާފައިވާ ރިސޯޓެއްކަމުން، ރިސޯޓު ރީބްރޭންޑު ކުރުމަށްޓަކައި ހަމައެކަނި ކުރަން ޖެހޭނެ ކަމަކަށް އޮތީ ނަމްބޯޑު ބަދަލުކުރުން ކަމަށް ހިލްޓަން އިން އޭރު ބުނެފައިވާ ކަމަށް ސަން އިން ބުންޏެވެ.

މެނޭޖްމަންޓް އެގްރީމެންޓާ ގުޅޭ މަޝްވަރާތައް ފަށައިގަތުމަށްޓަކައި "ހިލްޓަން" ބްރޭންޑުގެ ނަމުގައި ރިސޯޓު ހިންގައިފި ނަމަ، އިތުރަށް ފައިދާ ލިބޭނެ މިންވަރު އަންދާޒާކޮށް އިނީޝަލް ޕްރޮޖެކްޝަންތަކެއް ހިލްޓަން އިން ހުށަހެޅި ނަމަވެސް، ސަން އިން އެ ޕްރޮޖެކްޝަންތައް ބަލައިގެންފައި ނުވާނެ ކަމަށާއި އޭގެ ޖަވާބުގައި ލިބޭ އާމްދަނީ އިހުނަށްވުރެ ވެސް އިތުރުވާނެ ކަމަށް ދައްކުވައިގެން 26 ފެބްރުއަރީ 2006 ގައި ހިލްޓައިން އިން ރިވައިޒްޑް ޕްރޮޖެކްޝަންތަކެއް ހުށަހެޅި ކަމަށް ސަން އިން ބުންޏެވެ.

"އަދި ހިލްޓަން އިން އޭރު އޮޕަރޭޓްކުރަމުންދިޔަ އެހެން ރިސޯޓުތަކަށް ލިބޭ އާމްދަނީ ދައްކައިދޭ އަދަދުތައް ހިލަޓަންގެ ފަރާތުން ސަންއަށް ހާމަކުރިއެވެ. ހިލްޓަން އިން ހުށަހެޅި އަދަދުތައް 30 ދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ތިން ފަހަރަށް ބަދަލުކުރިއެވެ. މީގެ ބޭނުމަކީ ހިލްޓަންގެ މެނޭޖްމަންޓުގެ ދަށުން ރިސޯޓު ހިންގައިފި ނަމަ، ބޮޑެތި އަދަދުތަކުން ފައިދާވާނެ ކަމަށް މަކަރާއި ހީލަތުން އޮޅުވާލައިގެން ސަންއަށް ދައްކުވައި، ސަން ލައްވައި މެނޭޖްމަންޓް އެގްރީމެންޓުގައި ސޮއިކުރުވުމެވެ..،" ސަންގެ ބަޔާނުގައި ބުންޏެވެ.

ސަން އިން ބުނީ ފައިދާވާނެ ކަމަށް ދެއްކުމުގެ ގޮތުން 2011 އަދި 2012 ވަނަ އަހަރުގެ ޕްރޮޖެކްޝަންތަކަށް ވެސް ހިލްޓަން އިން ބަދަލުތަކެއް ގެނައި ކަމަށާއި އޭގެ އިތުރުން ހިލްޓަންއަށް ނަތީޖާ ހާސިލުނުކުރެވިއްޖެ ނަމަ، އަމިއްލައަށް ކޮންޓްރެކްޓް ބާތިލުކުރުމަށް ހުށަހަޅާނެ ކަމަށް ވެސް މަޝްވަރާގެ ތެރޭގައި ހިލްޓަންގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި ހިލްޓަންއަކީ މަތީފަންތީގެ ރިސޯޓުތައް މެނޭޖުކުރާ ކުންފުންޏަކަށްވާތީ، ހިލްޓަން އިން ހުށަހެޅި ޕްރޮޖެކްޝަންތަކަށް އިތުބާރުކޮށް، ސަން އިން މެނޭޖްމަންޓް އެގްރީމެންޓުގައި ބައިވެރިވީ ކަމަށް ސަން އިން ބުންޏެވެ.

އޭގެ ފަހުން ހިލްޓަން އިން ރިސޯޓު ހިންގަމުންދިޔަ ގޮތުން ސަންއަށް ގެއްލުންވަމުން ދިއުމާއި، މެނޭޖްމަންޓް އެގްރީމެންޓާ ހިލާފަށް ހިލްޓަން އިން ކުރަމުންދިޔަ ކަންތައްތައް ހިލަޓަންގެ ސަމާލުކަމަށް ގެނައުމުން ވެސް އިސްލާހުކޮށްފައި ނުވާތީ މެނޭޖްމަންޓް އެގްރީމެންޓު ނިމުމުމަކަށް ގެނައުމަށް މަޖުބޫރުވީ ކަމަށާއި ހިލްޓަންގެ މަކަރާއި ހީލަތާއި އޮޅުވާލުމުގެ ސަބަބުން އޭރު އޮތީ އާންމު ބަހުރުވައިން ބުނާނަމަ ބޭންކްރަޕްޓްވެފައި ކަމަށެވެ. އޭގެ އިތުރުން އާބިޓްރޭޝަންގެ ނިންމުމާއެކު މީޑިއާ އާއި ހިލްޓަންގެ ނުފޫޒު ބޭނުންކޮށްގެން، އަދި އެކިއެކި ލޮބީ ގްރޫޕުތައް މެދުވެރިކޮށް ހިލްޓަން އިން ސަންއާ މެދު ނުރަނގަޅު ތަސައްވުރެއް ފެތުރި ކަމަށް ވެސް ސަން އިން ބުންޏެވެ.

"އެގޮތުން މީޑިއާގެ އެކި ހަބަރުތަކުން ގިނަ ބަޔަކަށް ދޭހަވެފައި އޮތީ، ހިލްޓަން އިން އިންވެސްޓުކޮށް ރިސޯޓު ތަރައްގީކުރުމުން ސަން އިން ހިލްޓަން އެ ރިސޯޓުން ބޭރުކޮށް އިންވެސްޓަރަށް މަކަރު ހެދީ ކަމަށެވެ. އެހެންނަމަވެސް ކަންވީ އެއާ ހިލާފަށެވެ. ހަގީގަތަކީ ސައްތައިން ސައްތަ ސަން އިން ހަރަދުކޮށް، ހިލްޓަން އިން އުންމީދުކޮށްގެން ތިބި ވަރަށްވުރެ ވެސް މަތީ ފެންވަރަކަށް ރިސޯޓު ތަރައްގީކޮށްފައިވާ ރިސޯޓެއް ހިލްޓަން އިން ހިންގަން ބޭނުންވެގެން އަމިއްލައަށް އެދިގެން ހަވާލުވެ، ރިސޯޓު ހެދުމުގެ ގޮތުން ހިލްޓަން އިން ހާސިލުކުރާނެ ކަމަށް ވައުދުވި އަދަދުތައް ހިލްޓަންއަށް ހާސިލުނުކުރެވުމެވެ..،" ސަންގެ ބަޔާނުގައި ބުންޏެވެ.

ސަން އިން އިތުރަށް ބުނީ ހިލްޓަންގެ ކިބައިން ރިސޯޓުގެ މެނޭޖްމަންޓު އަނބުރާ ލިބިގަތުމާއި މެނޭޖްމަންޓް އެގްރީމެންޓު ބާތިލުކުރުމަށް ނިންމި ނިންމުމަކީ ބޭންކްރަޕްޓްވަމުންދިޔަ ކުންފުންޏެއް ސަލާމަތްކުރުމަށްޓަކައި ކުރަންޖެހުނު ކަމެއް ކަމަށާއި އެއީ ސަންގެ މަސްލަހަތު ރައްކާތެރިކޮށް، ކުންފުނީގެ ތަސައްވުރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ. އަދި ހިލްޓަންގެ މަކަރާއި ހީލަތާއި އޮޅުވާލުމާއި ރިސޯޓު ހިންގުމުގައި ވެފައިވާ އިހުމާލުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މިހާރު ވެސް މަސައްކަތްކޮށް، އެކަމަށްޓަކައި ކުންފުނިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގާނޫނީ ފަރުވާތައް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ސަން އިން ބުންޏެވެ.