ޕީޕީއެމްއަށް ދިރުން ލިބެން ބޭނުންވި ނަމަ، ވަގުތު އޮއްވައި ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންކަމާ މެދު ސުވާލު އުފައްދަވައި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު، އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތްކުރައްވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އޮފީހުގައި ސިލްސިލާކޮށް ކޮންމެ ރެޔަކު ބާއްވާ ޖަހަގަ ޖަލްސާތަކުގައި ޔާމީން ވަނީ، ޕީޕީއެމްއަށް މިހާރު އެ ޕާޓީގެ ލީޝަޑިޕްގައި ތިއްބެވި ބޭފުޅުން ސަމާލުކަމެއް ނުދެއްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން އެ ފަދައިން ވިދާޅުވަމުން ގެންދަވާތީ، އަބްދުއްރަހީމް އެކްސްގައި މިއަދު ވަނީ އެ މަނިކުފާނާ ދެ ސުވާލެއް އަމާޒު ކުރައްވައިފައެވެ.

އަބްދުއްރަހީމްގެ ފުރަތަމަ ސުވާލަކީ، ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިހުލާސްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ދެވަނައަށް އަބްދުއްރަހީމް ކުރެއްވި ސުވާލަކީ ޕީޕީއެމްއަށް ދިރުން ލިބެން ބޭނުންވި ނަމަ ވަގުތު އޮއްވައި ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓަކު ދައްކަން ރައީސް ޔާމީން އިރުޝާދު ނުދެއްވީ ކީއްވެގެންތޯއެވެ.

"މި ހަގީގަތްތައް މިހެން ހުރީމަ މަގުމަތިކުރަން އުޅުނު ވާހަކަ މި ދައްކަނީ ރައްޔިތުންނަށް ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ދިނުމަށްޓަކައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީން ރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ މެންބަރުން މަގުމަތިކުރަން މަސައްކަތް ކުރައްވާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ މައްސަލަ އަޅުގަނޑަށް ކުރިމަތިނުލެވޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރީން ޕީޕީއެމް ޕީއެންސީން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ހުންނާނީ ދައްކާފައި. އެހެންވީމަ ކޮން ވާހަކައެއް މި ދައްކަނީ މަގުމަތިވާ ވާހަކަ. އެ އުޅެނީ ކޮން ހަނދާނެއް ބަލިވެގެން ކޯންޗެއް އޮޅުވާންތޯ އެ އުޅެނީ،" ޔާމީން ވިދާޅުވެފައިވެއެވެ.

އެމަނިކުފާނަކީ ކުރިއަށް ކަންކަން ވެދާނެ ގޮތަކާ މެދު ވިސްނަވައި ގޮތް ނިންމަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ކެންޑިޑެސީއާ މެދު ސުޕްރީމް ކޯޓުން ގޮތް ނިންމާ އިރު، އިންތިހާބަށް ވަރަށް ވަގުތު ކުޑަތަންވެފައި އޮންނާނެތީވެ، ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން އެންގެވީ އެމަނިކުފާނު ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމުން ކެންޑިޑޭޓަކު ނުދެއްކެވީ، ކޯޓުން މާ ފަސޭހައިން މައްސަލަ ނިންމަވާނެތީ ކަމަށެވެ. އެހެންވެ، ޕީޕީއެމުން ޕީއެންސީއަށް ބަދަލުވާނެ ލީޑަރަކު ބަދަލުވެފައި އެ ޕާޓީން ކެންޑިޑޭޓަކު ކަނޑައަޅަން ނޯޓަކުން ދެންނެވި ކަމަށްވެސް ޔާމީން ވިދާޅުވެފައިވެއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އިންތިހާބު ބޮއިކޮޓް ކުރަން އުޅުއްވީ އެމަނިކުފާނު ކަމަށް މިއަދު ވިދާޅުވާ އިރު، އިންތިހާބު ބޮއިކޮޓް ކުރަން އެންމެ ފުރަތަމަ ގޮވީވެސް މިއަދު ސަރުކާރުގެ އިސް ފަރާތްތަކާއި އެއިރު ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެމަނިކުފާނަށް ވާދަނުކުރެއްވޭ ގޮތަށް ބާއްވާ އިންތިހާބެއްގައި ބައިވެރިނުވާނެ ކަމަށާއި މަގުމައްޗަށް ނުކުމެވެސް ހުއްޓުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ވެރީން ވަރަށް ގިނަ ފަހަރު ވާހަކަދައްކަވާފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"[އިންތިހާބު ބޮއިކޮޓް ކުރަން ފޮނުވީ] ހިޔާލަކަށް، އެއީ އެހާވަރަށް ޕީއެންސީގެ ބޭފުޅުން ރައީސް ޔާމީނަށް ބައިވެރިނުވެވޭނަމަ އިންތިހާބު ބޮއިކޮޓް ކުރާނަމޭ ގޮވާތީ،" ޔާމީން ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ފުރަތަމަ އެރުވީ ރައީސް ޔާމީނަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި ކޯޓުން އިއްވި ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.

ސްޕްރީމް ކޯޓުގެ ހުކުމާއެކުގައި އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެދިވަޑައިގެންނެވިއެވެ. ނަމަވެސް ޕީޕީއެމްގެ ސެނެޓުން އޭރު ބޭނުންވީ، ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކުގައި ކުރިއަށް ދިއުމަށެވެ. ސެނެޓުގެ ނިންމުމަށް ފަހު ޔާމީންވެސް ވަނީ، މުއިއްޒަށް ތާއީދުކުރައްވައި، އެ މަނިކުފާނުގެ އެންޑޯޒްމަންޓް ދެއްވައިފައެވެ.

ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބުކުރެއްވުމަށް ފަހު، ޔާމީނާއި ރައީސް މުއިއްޒުގެ ގުޅުން ގޯސްވެ، ޕީޕީއެމް/ޕީއެންސީން އެ މަނިކުފާނު ބާކީކުރައްވާފައިވާކަމުގެ ތުހުމަތާއެކު ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވައިފައެވެ. ޔާމީނާއެކު އެ މަނިކުފާނަށް އިހުލާސްތެރި ބައެއް ބޭފުޅުންވެސް ޕާޓީ ދޫކުރެއްވިއެވެ.