ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވަމުން ގެންދަވާ މުސާރަ އުނިކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މުސާރަ އުނިކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ރައީސް ނަޝީދު އިއްޔެ ފޮނުއްވި ސިޓީ ފުޅުގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނު މިވަގުތު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކެއް ކުރެއްވުމަށް ގާނާގައި ކަމަށެވެ.

"ނަމަވެސް މިއިން ކޮންމެ ކަމެއްގައި ރަސްމީކޮށް ކަންކަން ހިންގުމަށް ވަރަށް ވަގުތުނަގާ. އެގޮތުން މި މަސައްކަތާ ވެސް ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ހަމަޖައްސަންޖެހޭ އެތައްކަމެއް ކުރެވި، މި މާޗް މަހުގެ މެދު ތެރޭގައި ގާނާގެ ޕާލަމެންޓްއިން ވަނީ ސީވީއެފް ސެކްރެޓޭރިއަޓްއާ ބެހޭ ގަރާރު ފާސްކޮށްފައި. ވުމާއެކު އަޅުގަނޑު މިދެކެނީ މާތް ﷲ ގެ ވާގިފުޅާއެކު އެންމެންހާ ކަންކަން އަވަހަށް ހަމަޖެހިގެންދާނެ ކަމަށް،"

އެހެންކަމުން މިހިނގާ އޭޕްރީލް މަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ބާކީ އޮތް މުއްދަތަށް އެމަނިކުފާނަށް ރައްޔިތުންގެ މަޖިލިސްގެ މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންވަމުން އަންނަ މުސާރަ އުނިކޮށް ދެއްވުމަށް ދަންވާ ކަމަށްވެސް އެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.

ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައީސް ނަޝީދު އައްޔަން ކުރައްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެމަގާމަށް އައްޔަން ކުރެއްވިފަހުން މަޖިލިސް ތަޅުމުން އެމަނިކުފާނު ފެނިފައެއްނުވެއެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ސީވީއެފުގެ އެމްބިޝަން އެމްބެސެޑަރުކަމުގެ މަސައްކަތް ވެސް ކުރައްވައިފައެވެ.

ސީވީއެފްއަކީ ނަޝީދު އަދި ރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މަގުސަދަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުން ކޮޕް ފަދަ ބައިނަލްއަގުވާމީ ސްޓޭޖުތަކުގައި ގުޅިގެން މަސައްކަތް ކުރުމެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުން ބާއްވާފައިވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއިރު އެ ޖަމިއްޔާގައި މެމްބަރު ގައުމުތަކުގެ އަދަދަކީ 10 އެވެ.

މިހާރު ސީވީއެފުގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 58 އެވެ. އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެއެވެ.