ކުރީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ކުރަހާފައި އޮތީ "ސްލަމް"އެއް ގޮތަށް ކަމަށް ސިފަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ފަޒީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގުޅިފަޅާއި ގިރާވަރުފަޅުގެ ވާހަކައަކީ އިދިކޮޅުން އަބަދު ދައްކާ ވާހަކައެއް ކަމަށާއި އެ ދެ ތަނަށް ހަދާފައިވަނީ ޕްލޭނަކަށް ނުވާ ޕްލޭނެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ހަދައި އިއުލާންކުރި ލޭންޑް ޔޫސް ޕްލޭން، ދޭތީގެ ތަފާތު ރައްޔިތުންނަށް ދައްކާލަން ހައުސިން މިނިސްޓްރީގައި ވާނީ ދަންނަވާފައި. ބޭރުގެ ބައެއް ގައުމުތަކުގައި މަގެއް އެއްވެސް ތަނެއް ނެތި ތޮއްޖެހިފައި އޮންނަ ގޯތިތައް، ގެތައް ހުންނަ ސަރަހައްދުތަކަށް ކިޔާނީ ސްލަމް. ހަމަ ސްލަމްއެއް ގޮތަށް އޮތީ ގުޅިފަޅު ވެސް އެބޭފުޅުން ކުރަހާލާފައި، ސްލަމްއެއް ގޮތަށް އޮތީ ގިރާވަރުފަޅު ވެސް ކުރަހާލާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ގުޅިފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ހަދަންޖެހޭ މިންގަނޑަށް ހަދާފައިވާ މަގުތަކާ އެއްޗެހި ރީތިކޮށް ހަދައި، ވަކި ވަރެއްގެ އާބާދީއެއްގައި ވިއްޔާ ހުންނަން ޖެހޭ ހުރިހާ ފެސިލިޓީއެއް ހުންނަ ގޮތަށް ބިންތައް އެ ޕްލޭންގައި ކަނޑައަޅާފައިވާ ކަމަށެވެ.

"ދެން މި ކިޔަނީ އަޅުގަނޑުމެން ކީއްވެހޭ ގޯތިތައް ނުދީ މި އުޅެނީ. މި ދެންނެވިއްޔޭ އޮތް ގޮތް، އެހެންވީމާ މި ރަނގަޅުކުރަން އެބަ ޖެހެއެއްނު. މިހާރު މި ރަނގަޅުކުރީ. ދެން އަޅުގަނޑުމެން ވާނީ ލިޔުން ދޫކޮށްފައި، ގޯތި ރަޖިސްޓަރީ ދޫކޮށްފައިވާނީ، އަދި ކަނޑުތެރެއިން ދިން ގޯއްޗަށް ވާނީ ލިޔުން ދީފައި. ކަނޑުގައި އޮތީމަ އަދި ރަޖިސްޓަރީއެއް ނެހެދޭނެ. އެހެންވީމާ އަޅުގަނޑުމެން ބިން ހިއްކައި ނިންމާފައި ރަޖިސްޓަރީއަށް ބަދަލުވާނެ. އެހެންވީމާ އެތަންތަނުގެ ޕްލޭން ހަދާފައި ގޯތި ދިނުމުގެ މަސައްކަތް އަމަލީގޮތުން ކުރިއަށްދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް އަދި ހުޅުމާލެއިން ދޫކޮށްފައި ހުރި ގޯތިތައް ވެސް މިހާރު ކަޑަޖަހައި، ވަކިކޮށް ހަވާލުކުރަމުންދާ ކަމަށާއި އެހެންވީމާ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ވިއްޔާ ފުއްދަވަމުން ގެންދަވާ ކަމަށެވެ. އަދި ވައުދުތައް ފުއްދަވާތީ އިދިކޮޅުން އެކަން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރުމަކީ މިހާރު ރައްޔިތުން ގަބޫލުކުރާނެ ވާހަކައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.