ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުގެނެސް ގައުމަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހުޅުދޫ ދާއިރާގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ރައީސް މިރޭ ވިދާޅުވީ، މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ހުރި އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ވެރިކަމުގެ ކުރީކޮޅުގައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަށައިގަތީ އެ ބޭނުމުގައި ކަމަށާއި މާލެ ސަރަހައްދުން ހިއްކެން އޮތް ތަންތަން ހިއްކައި ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް ބިން ހިއްކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދެެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި ގައުމަށް ހަމަޖެހުން ހޯދުމަށްވެސް މަޖިލީހުގެ މެޖޯރިޓީ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބޯމައްޗަށް ފުރާޅެއް ނުލައި ގައުމަށް ހަމަޖެހުމެއް ނާންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ލުއި ލޯނު ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އިގުތިސޯދު ރަނގަޅުކުރަމުން ރާއްޖޭގެ އަމިއްލަވަންތަކަން ކަށަވަރުކުރެއްވުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.