މެދުހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައި ކެމްޕެއިން ކުރައްވަނިކޮށް ސުޕްރީމް ކޯޓުން ކެންޑިޑެންސީ ބާތިލުކުރި ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ސަޕޯޓަރުން އެ މަނިކުފާނުގެ މައްޗަށް ކުރެއްވި ތުހުމަތުތަކީ ދޮގެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކަން ދޮގުކުރެއްވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި މިއަދު މެދު ހެންވޭރު ދާއިރާގައި ކުރިއަށް ގެންދެވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ހަސަންގެ ސަޕޯޓަރަކު ރައީސްގެ އަރިހަށް ގޮސް ހިތްހަމަނުޖެހުން ފާޅުކުރެއްވުމުން އޭނާ ދެއްކެވި ވާހަކަ އަޑުއެއްސެވުމަށްފަހު ޖަވާބު ދެއްވަމުންނެވެ.

އައިޝަތު އުޝާމާ ނަމަކަށް ކިޔާ އެ މީހާ ވަނީ ރައީސް މުއިއްޒު ވެރިކަމަށް ހޮވަން މަސައްކަތް ކުރީ ވެސް އެމީހުން ކަމަށާއި ވެރިކަމަށް ރައީސް މުއިއްޒު ހޮވީ ވެސް ވަރަށް ލޯބިން ކަމަށެވެ. ނަމަވެސް އޭނާ ނިސްބަތްވާ ދާއިރާގެ ހަސަންއަށް އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ވެސް ޕީއެންސީން ކަންކުރަމުން އައިސްފައިވަނީ ގޯސްކޮށް ކަމަށާއި ރައީސް މުއިއްޒުވެސް ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް ކަމަށް ބުންޏެވެ.

"މިހިރަ ލަވްލީ [ޕީއެންސީގެ ކެންޑިޑޭޓު] އެއް ނޫން މަސައްކަތް ކުރީ، ހަސަން ޝިޔާމު ނަގައި ދިނީ ހަތަރު ފޮށި، އެކަމަކު ޑރ. މުއިއްޒު ކިހިނެއްތޯ ހަސަން ޝިޔާމަށް ތިޔަ ކަންތައް ކުރެއްވީ،" އުޝާމާ ބުންޏެވެ.

އޭނާ ވަނީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ހަސަން ކުރިމަތިލައްވާފައިވަނިކޮށް އޭނާގެ ކެންޑިޑެސީ ބާތިލުކުރައްވައި ރައީސް ސިޓީފުޅެއް ފޮނުއްވި ކަމަށްވެސް ތުހުމަތު ކުރައްވައިފަ އެވެ.

އުޝާމާގެ އެ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނަށް ނިސްބަތްކޮށް ދައްކަނީ ދޮގު ވާހަކަ ކަމަށެވެ.

"އަޅުގަނޑަށް ނިސްބަތްކޮށް ތި ވިދާޅުވީ ހަމަ ހުސްދޮގު،" ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް ނަން ހުށަހެޅި ހަސަން ޝިޔާމަށް އެ ދާއިރާއަށް ވާދަ ނުކުރެވޭ ގޮތަށް އެނާގެ ސާބިތު ދަރަންޏެއް އޮތްކަމަށް ނިންމައި ސުޕްރީމް ކޯޓުން ކުރި ހުކުމަކުންނެވެ.

އެ ހުކުމާއެކު ހަސަންގެ ކެންޑިޑެސީ ބާތިލުވުމުން އޭނާ ވަނީ އެ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓު، އިބްރާހިމް އަލީ ޖަލީލްއަށް ތާއީދު ކުރުމަށް ނިންމައިފައެވެ.