ކުރިން އެއްބަސްވެފައި އޮތީ އެއް ޕްލެޓްފޯމުގައި މުއްދަތެއް ނެތްގޮތަށް އިންޑިއާ ސިފައިންނަށް ތިބެވޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ރައީސް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އާ އެއްބަސްވުމުގެ ދަށުން އިންޑިއާގެ ތިން ޕްލެޓްފޯމުގައި މަދަނީ މީހުން މަސައްކަތްކުރާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، އެކަމަށް މުއްދަތުތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ.
"އޭގެ ތެރެއިން އެއް ޕްލެޓްފޯމުގެ ނެތް އަޅުގަނޑުމެން މި ދޭތެރެއިން މި ބޭއްވި ނެގޯސިއޭޝަންތަކުގެ ކުރިއަކުން އެއްވެސް މުއްދަތެއް ވެސް، އިންޑިފިނެޓްލީ ރާއްޖޭގައި ހުންނަ ގޮތަށް. ސީދާ މީގެން ކޮން ޕްލެޓްފޯމެއްގައިކަން ނޭނގޭތީ ދަންނަވާނުލެވިދާނެ. އަނެއް ދެ ޕްލެޓްފޯމުގައި އޮތް މުއްދަތެއް. އަޅުގަނޑުމެން މިހާރު މިއޮތީ ސޮއިކޮށްފައި މިއަހަރުގެ ފެބްރުއަރީ، އަޅުގަނޑުމެން ނެގޯސިއޭޝަން ފެށި ޑޭޓުން ފެށިގެން އެއް އަހަރު ދުވަހަށް ނޫނީ ދެ އަހަރު ދުވަހަށް. އެ މައުލޫމާތު ފޮރިން މިނިސްޓްރީން ވެސް ހޯއްދެވޭނެ. އެހެންވީމާ މުއްދަތެއް ވެސް އެ އޮތީ ކަނޑައެޅިފައި. ދެން އެ ތަކެތި ދުއްވަން ތިބޭނީ ސިވިލިއަނުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްކުރަނީ ރަނގަޅަށް ނޫން ކަމަށްބުނެ ފާޑުކިޔުންތައް އަމާޒުކުރަމުންދިޔަ ނަމަވެސް، އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި އިންޑިއާ ސިފައިން ބައިބަޔަށް ބަހާލައިގެން ތާވަލެއްގެ ތެރެއިން އެއްބަސްވެގެން އެދަނީ ފައިބަމުން ކަމަށެވެ. އަދި ވައުދުވީ ގޮތަށް އެކަން ފުރިހަމަކުރައްވަމުން ގެންދަވާކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެން އޭގެ ބަދަލުގައި އަންނަނީ މަދަނީ މީހުންނެއް ނޫނޭ، އަނެއްކާވެސް ސިފައިން ޔުނީފޯމް ބަލައިގެން އަންނަނީއޭ. މިއީ އަޅުގަނޑު ހިތުން ސްޕެކިއުލޭޝަންގައި އުޅޭ، އެހެންނަމަވެސް ހަގީގަތެއް ނެތް ކަމެއް. އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް މިކަން މި ގެންދެވެނީ ރަނގަޅަށްކަން. އެއީ މިތަނުގައި އިންޑިއާގެ ތިން ޕްލެޓްފޯމު އޮތް އިރުގައި، އެތަކެތި އޮޕަރޭޓްކުރާނެ މީހުން އެބޭފުޅުންގެ ފަރާތުން މިވަގުތު ތިބެގެން އަޅުގަނޑުމެންނަށް މި ބަދަލު ގެންނަން އެންމެ ފަސޭހަވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ތިން ޕްލެޓްފޯމުގައި ވެސް ދިވެހިން ތިބެން ކަމަށާއި ނަމަވެސް ތަމްރީނުކުރުން ފަދަ ކަންކަމަށް ވަގުތު ނަގާނެ ކަމަށެވެ. އެހެންކަމުން ސިފައިން ބޭލުމުގެ ޓާގެޓް ހާސިލުވާނެ ދޭތެރެ މެދު ހައްލަކަށް އިންޑިއާގެ މަދަނީ މީހުން އޮޕަރޭޓްކުރާ ގޮތަށް ނިންމެވީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސްގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެކަމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ދެ ގައުމުން ވަނީ ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވާލަން އެއްބަސްވެފައެވެ.
އެ އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ގަމުގައި ސްޓޭޝަންކޮށްފައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ދުއްވަން އަންނަ އެ ގައުމުގެ މަދަނީ މީހުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ރާއްޖެ އައިސްފައެވެ. އޭގެ އިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަންކޮށްފައިވާ ދެ ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން މެއި މަހުގެ 10ގެ ކުރިން ފޮނުވާލުމަށްވެސް ވަނީ ދެ ގައުމުން އެއްބަސްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު