ސްޓެލްކޯގެ ފަރާތުން ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ފަރާތުން ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވާފައިވަނީ، ރަމަޟާން މަހު އިހުޔާ ކުރުމަށާއި، މުވައްޒަފުންނަށް ތަރާވީހެއް ދިނުމަށް އަދި ސްޓެލްކޯއަށް ގިނަދުވަހު ހިދުމަތްކޮށްދެއްވި ޖެނެރަލް މެނޭޖަރު ހަސަން ހުސެއިން ރިޓަޔާ ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
ހައްޖުގެ އަޅުކަމަށް ސްޓެލްކޯގެ ފަރާތުން ދިއުމަށް ހުޅުވާލި ފުރުސަތުގައި 116 މުވައްޒަފަކު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 98 މުވައްޒަފުން ކަމަށެވެ. އަދި އުމްރާގެ އަޅުކަމަށް ދިއުމަށް ސްޓެލްކޯގެ ފަރާތުން ހުޅުވާލުމުން 263 މުވައްޒަފަކު ޝައުގުވެރިކަން ފާޅުކުރި ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވީ 254 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު އެ ކުންފުނިން ދީފައިވަނީ އަންހެން އެއް މުވައްޒަފަކަށާއި ފިރިހެން އެއް މުވައްޒަފަކަށެވެ. ނަމަވެސް އެ ޕޮލިސީ ބަދަލުކޮށް މި އަހަރު ނިންމީ ހައްޖުގެ އަޅުކަމާއި އުމްރާއަށް ވެސް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު ފޮނުވަން ކަމަށެވެ.
- އަބްދުﷲ އާމިރު - ހުޅުމާލެ އިންޖީނުގެ
- މުހައްމަދު އާދިލް - ކ. ކާށީދޫ އިންޖީނުގެ
- އައިޝަތު ޝިޒްނާ - ވިލިނގިލި އަވަށު އިންޖީނުގެ
- އާޒިމް އާދަމް - އދ. ދަނގެތި އިންޖީނުގެ
- މުހައްމަދު އާރިފު - ރިނިއުބަލް އެނާޖީ ޑިޕާޓްމެންޓް
- ހަދީއްޖާ އިފްޝާ - ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމެންޓް
ހައްޖުގެ އަޅުކަން އަދާކުރުމަށް ސްޓެލްކޯގެ ފަރާތުން ފޮނުވަނީ އެ ކުންފުނީގައި މަސައްކަތްކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވީ މުވައްޒަފުންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ. އުމްރާގެ އަޅުކަމަށް ފޮނުވަނީ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މުވައްޒަފުންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.
ރޭގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިރު ވިދާޅުވީ، ސްޓެލްކޯއަށް 75 އަހަރު ފުރެން ގާތްވެފައިވާ އިރު، އެ ދާއިރާގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި އަދި އެންމެ ފުންނާބު އުސް މީހުން ތިބީ ސްޓެލްކޯގައި ކަމަށެވެ. އެހެންވެ އެ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު