ކަނޑައެޅުއްވި 700 މަގާމަށްވުރެ ސިޔާސީ މަގާމުތަކުގެ އަދަދު އިތުރު ނުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާ، "ޕީއެސްއެމް"އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް އެހެން ވިދާޅުވެފައި މިވަނީ، މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް ގިނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަމުންދަނިކޮށެވެ.
"ސިޔާސީ ބޭފުޅުންގެ އަދަދު އަޅުގަނޑު ކަނޑައެޅި އަދަދަށްވުރެ އިތުރެއް ނުކުރާނަން. 700 މަގާމަށްވުރެ އިތުރެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ އެގޮތަށް ކުރިއަށްދާނީ. އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެން ނަތީޖާ ނެރުމުގައި ހުރިހާ ދާއިރާއަކުން ވެސް ކާމިޔާބީތައް ހޯދޭނެކަން. މިދިޔަ 100 ދުވަހު، 14 ހަފުތާގައި އެކަން ވާނީ ސާބިތުކޮށްދީފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއެކު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ނަތީޖާ ނެރެދެއްވުމަށް ކަމަށާއި އެގޮތުން ކޮންމެ ވަގުތެއްގައި ވެސް ފޯނު ކޯލަށް ޖަވާބުދެވޭނެ ވަރުގެ ޓީމެއް އެކުލައްވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި މަސައްކަތް ވެސް އެގޮތަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފުރިހަމަ އިތުރުބާރު އެބައޮތް އަޅުގަނޑުގެ ޓީމަށް. އަޅުގަނޑުގެ ޓީމު މި ކިޔަނީ މިނިސްޓަރުންނާއި އެމްޑީންނާއި ހުރިހާ ބޭފުޅުން ހިމެނޭ ގޮތަށް، އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލިސް މެންބަރުން ވެސް ހިމެނޭ ގޮތަށް. ޕީޖީ ގްރޫޕުން ވެސް ފުރިހަމަ އެއްބާރުލުމެއް ދެއްވާ. ހުރިހާ ބޭފުޅުން ވެސް ވަރަށް ރަނގަޅަށް މަސައްކަތްކުރައްވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ބޮޑު ތާއީދެއް ދީފި ނަމަ، އެތައް ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު