ރޯދަމަހުގެ ފަހު ދިހައިގައި ކޮންމެހެން ވެސް ވަޒީފާއަށް ނުކުންނަޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ސާކިއުލާއެއްގައި ބުނީ އެ އެލަވަންސް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތައް ނުކުނަން ޖެހޭނެ ކަަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެކަނި ކަމަށެވެ.

ފަހު ދިހައިގައި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެލަވަންސް ދޭނެ ގޮތް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން ރޯދަމަހުގެ ފަހު 10 ގައި (ރަމަލާން މަހުގެ 21އިން 30ގެ ނިޔަލަށް) ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފަންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިން ވެސް ދެމުން ގެންދާ އުސޫލުން އިތުރުގަޑީގެ ފައިސާ، ބަންދު ދުވަހުގެ އިނާޔަތް ދެމުންގެންދަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތަށް އެލަވަންސް ދިނުމުގައި މުސާރައިން ދުވާލަކަށްޖަހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އެލަވަންސް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަމަހުގެ ފަހު 10 ދުވަހަކީ ރަސްމީ ބަންދު ދުވަސްތަށް ކަމަށް ބަލައިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އަދި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުން އަމަލުކުރަންޖެހޭ "ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތައް" ގައި ހިމެނޭ "ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމަށް އިނާޔަތް ދޭނެ ގޮތުގެ މިންގަނޑާ" އެއްގޮތަށް އިދާރާތަކުން އަމަލުކުރަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.