ސިފައިންނަށް ވެސް މި ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ސިފައިންނާ ބައްދަލުކުރެއްވުމަށް ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައިފައެވެ. އަދި ސިފައިންގެ ގާބިލުކަން ވަރުގަދަކޮށް، ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވައިލެއްވިއެވެ.
އެގޮތުން ސިފައިންނަކީ ވެސް ދިވެހި ރައްޔިތުންނަށްވާ އިރު، ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަަމަށާއި، އެހެންކަމުން ކުރިއަށްއޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ހާއްސަ ކުރެވިގެން އެކަށީގެންވާ އަދަދަކަށް، އެކަން ހަމަޖެހިގެންދާ މިންވަރަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ޔަގީން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ މައިގަނޑު އަސާސްކަމުގައި ވާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މަތީގައި ދެމިތިބެ، އިސްލާމްދީން ހިމާޔަތްކޮށް ބަލަހައްޓައި، ފަހުރުވެރިކަމާ އެކީގައި އެ ދީން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުން ކަމަށެވެ.
ސިފައިންގެ ކާމިޔާބީގެ އަސްލަކަށް ވާންވީ، އަދި ވާނީވެސް، ވެފައި އޮތީވެސް އިސްލާމްދީނަށް ނަސްރުދިނުންކަން ފާހަގަކުރައްވައި، ދިވެހި ގައުމަށް ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް، ގައުމު ސަލާމަތްކުރި ކޮންމެ އަބްތާލަކު އެ ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސްއަކަށް ހެއްދެވީ އިސްލާމްދީން ނަގަހައްޓައި، ކުރިއަށް ގެންދިއުން ކަމަށާއި، އެއީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި އަސްކަރިއްޔާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސްކަމެއްގެ ގޮތުގައި ކުރައްވާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި މިހާރު ހިނގަމުންދާ ނޭދެވޭ ހުރިހާ އޮއިވަރުތަކުން ގައުމު ސަލާމަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އިރު، ކަނޑިއާއި ބަޑިއަށްވުރެ މާނުރައްކާތެރި ހާލަތެއް (ފިކުރީ ހަނގުރާމަ) ކުރިމަތިވެފައިވާ ކަމަށެވެ. އަދި، އެއިން ކޮންމެ ކަމެއްގައި ވެސް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، ޒަމާނަށް އަންނަ ބަދަލާއެކުގައި، ކޮންމެ ސިފައިންގެ މީހަކީ ވެސް އެ ވިސްނުމުގައި ޒަމާނާ އެއްގޮތަށް އެކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް، މި ޖީލު ސަލާމަތްކުރުމަށްޓަކައި، ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމަށާއި އެހެންނޫނީ، ނޭނގި ހުއްޓައި އަތުން ބީވެގެންދާނީ ދިވެހި ޒުވާން ޖީލުގެ މުސްތަގުބަލު ކަމަށް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީއާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު