ރާއްޖޭގެ 10 ސަރަހައްދެއްގައި އެއާޕޯޓު ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިއަދު ވަނީ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހުތަކެއް ގެންނަވައި ގަރާރެއް ނެރުއްވައިފައެވެ.

އެ ގަރާރުގައި އަލަށް ހިންގުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކާއި އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކުގެ އިތުރުން އައްސޭރި ޓޫރިޒަމް ހިންގަން ނިންމާފައިވާ ސަރަހައްދުތަކާއި އެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން އިންވެސްޓް ކުރަންޖެހޭ އަދަދު ރައީސް ވަނީ ގަރާރުން ކަނޑައަޅުއްވައިފައެވެ.

  • ހއ. ދިއްދޫ - 5،000 ޑޮލަރު
  • ށ. ދިގުވެލި - 5،000 ޑޮލަރު
  • ށ. މިލަންދޫ - 5،000 ޑޮލަރު
  • ނ. ވިހަފަރު - 5،000 ޑޮލަރު
  • ރ. ފައިނު - 5،000 ޑޮލަރު
  • އއ. މަތިވެރި - 5،000 ޑޮލަރު
  • ފ. ނިލަންދޫ - 5،000 ޑޮލަރު
  • ގއ. މާޅެންދޫ - 5،000 ޑޮލަރު
  • ތ. ގުރައިދޫ - 5،000 ޑޮލަރު
  • ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް (ސަރުކާރުން ކަނޑައަޅާ ތަނެއް) - 5،000 ޑޮލަރު

މީގެ ތެރެއިން ގިނަ ރަށްރަށަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު އެއާޕޯޓު ހަދާނެ ކަމަށް ވައުދުވެވަޑައިގެންނެވި ސަރަހައްދުތަކެވެ. އަދި ރޯދައިގެ ކުރިން ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެސް އެމަނިކުފާނު ވަނީ މީގެ ތެރެއިން ބައެއް ރަށްރަށުގައި އެއާޕޯޓު ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުނަހަންދޫގައި ބޭއްވި ޖަލްސާގައި ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރ. އަތޮޅުގެ ދެކުނު ބިތުގައި ހަދަން މިދިޔަ ސަރުކާރުން ވައުދުވެފައިވާ އެއާޕޯޓު ފައިނުގައި ތަރައްގީ ކުރައްވަން ރައީސް ވައުދުވެވަޑައިގެންނެވިއެވެ. މިދިޔަ ސަރުކާރުން ނިންމީ ރ. އަތޮޅު ބެރިޔަންފަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށެވެ.

މީގެ ތެރެއިން ފ. ނިލަންދޫގައި ހަދާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

  • ގަން އިންޓަނޭޝަނަލް އެއާޕޯޓު - 4،000 ޑޮލަރު
  • ފުނަދޫ އެއާޕޯޓް - 4،000 ޑޮލަރު
  • ދަރަވަންދޫ އެއާޕޯޓް - 4،000 ޑޮލަރު
  • ކުޅުދުއްފުށީ އެއާޕޯޓް - 4،000 ޑޮލަރު
  • ފުވައްމުލަކު އެއާޕޯޓް - 4،000 ޑޮލަރު
  • މާވަރުލު އެއާޕޯޓް - 4،000 ޑޮލަރު

ރައީސްގެ ގަރާރުން ވަނީ ލ. ގަމާއި އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް ހިންގުމަށްވެސް ނިންމަވައިފައެވެ. އެގޮތުން ލ. ގަމު އައްސޭރި ޓޫރިޒަމް މަޝްރޫއަށް އެންމެ ދަށްވެގެން 7،000 ޑޮލަރު އިންވެސްޓް ކުރަންޖެހޭނެއެވެ. އަދި އައްޑޫ ސިޓީ އައްސޭރި ޓޫރިޒަމް މަޝްރޫއަށް އެންމެ ދަށްވެގެން 10،000 ޑޮލަރު އިންވެސްޓް ކުރަންޖެހޭނެއެވެ.