ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން 2022 ވަނަ އަހަރު ހިންގި ހިޔާނާތުގެ މައްސަލައިގައި ސުވާލު ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ފައްޔާޒު ވަނީ ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ޗިޓުގެ ފޮޓޯއެއް އެކްސްގައި ހިއްސާ ކުރައްވައިފައެވެ. ޗިޓުގައި ބުނެފައިވާ ގޮތުން ފައްޔާޒު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ 3:00 ޖަހާއިރަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.
ޗިޓުގައިވާ ގޮތުން ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ އާރުޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، ހިންގާފައިވާ ހިޔާނާތުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލު ކުރުމަށެވެ.
އެ ޗިޓުގެ ފޮޓޯއާއެކު ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިއްޖެ ކަމަށެވެ. އަދި އާރުޑީސީން ހިޔާނާތް ވެފައިވާ ކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް ނެތް މައްސަލައެއް ކަމަށާއި އެ މައްސަލާގައި އޭނާއަށް ތުހުމަތު ކުރެވިދާނެ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެކު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
"ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން،" ފައްޔާޒު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 2022 ވަނަ އަހަރު އާރުޑީސީގެ ތެރެއިން ހިންގި ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހެޅީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
އެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް، މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އާރުޑީސީގެ ހިޔާނާތުގެ ތެރެއިން ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ފައިސާ ޖަމާވި އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ބޭފުޅުންގެ އެކައުންޓުތަކަށް ނުވަތަ ސަރުކާރުގެ ބައިވެރިވުން އޮތް އިސް ފަރާތްތަކުގެ ކުންފުނިތަކަށްވެސް ފައިސާ ފޮނުވާފައި އެބަހުއްޓެވެ.
އެހެންވެ ކުރީ ސަރުކާރުގެ އިސް ފަރާތްތަކަށާއި އެ ފަރާތްތަކާ ގުޅުންހުރި ވިޔަފާރިތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާވި މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު