ފ. ނިލަންދޫގައި ސްކޫލެއް އަޅަން ކުވެއިތު ފަންޑުން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލު އެދިވަޑައިގެންފިއެވެ.

ހަލީލު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، ނިލަންދޫގައި ސްކޫލެއް އަޅަން ކުވެއިތު ފަންޑުން ފައިސާ ނެގުމަށްފަހު އަމިއްލަ އެކައުންޓަށް އެ ފައިސާ ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާތީ އެކަން އޮޅުންފިލުވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

"ކުވެއިތު ފަންޑުން އަޅުގަނޑުގެ އެކައުންޓަށް ފައިސާ ޖަމާވެފައިހުރިއްޔާ އަޅުގަނޑު އެދެން މަޖިލިސް މެންބަރު މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވައިގެން އޭގެ ރަނގަޅު އިންކުއަރީއެއް ހައްދަވަން، އޭރުން އޭގެ ހަގީގަތްތައް އެނގިވަޑައިގަންނަވާނެ،" ހަލީލު ވިދާޅުވިއެވެ.

ށ. ފުނަދޫ ހޮސްޕިޓަލާއި މާއުނގޫދޫ ސިއްހީ މަރުކަޒުގެ ޕްރޮޖެކްޓުންވެސް ''ކަޓެއް'' ނެންގެވުމަށް ހަލީލުގެ ފަރާތުން އެކި ފޯންކޯލްތައް ދިޔަ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުވެސް މިއަދު ތުހުމަތު ކުރެއްވިއެވެ. ޝާހިދު ވަނީ އެ ދެ ޕްރޮޖެކްޓުގެ މަސައްކަތް ލަސްވެފައިވަނީ އެކަމުގެ ސަބަބުންތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ، އުސޫލާއި ގަވާއިދާ ހިލާފުން ކަމެއް ހިނގާފައިވާނަމަ އެއީ މަޖިލީހަށްވެސް ބެލޭނެ ކަންތައްތައް ކަމަށާއި އެހެންކަމުން އެ ކަންތައްތައް ބެއްލެވުމަށް ދައުވަތު އަރުވާ ކަމަށެވެ.