ފަލަސްތީނުގެ ގާޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަށް ފުރިހަމައަށް އަމަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އިޒްރޭލަށް މިއަދު ގޮވާލައްވައިފިއެވެ.
އިޒްރޭލަށް ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ދޭން ފެށި ހަމަލާތަކާ ގުޅިގެން، ހަމާސް ނައްތާލަން ކަމަށް ބުނެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި މީގެ ކުރިން ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރި ނަމަވެސް އިއްޔެ ނިންމީ ވޯޓުގައި ބައިވެރި ނުވުމަށެވެ.
އދ.ގެ އެ ގަރާރަށް މަރުހަބާ ދަންނަވައި ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގަރާރު ފާސްކުރުން މާބޮޑަށް ލަސްވެއްޖެ ކަމަށެވެ. އަދި އެ ގަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށާއި އިޒްރޭލުން މި ގަރާރަށް ފުރިހަމައަށް އަމަލުކުރުމަށް ގޮވާލެއްވިއެވެ.
ރައީސް ވިދާޅުވީ، އދ. ގެ ގަރާރާއެކު ހަމަލާތައް ހުއްޓާލުމަށް ލިބުނު އުއްމީދަކީ މި ރޯދަމަހުގެ ތެރޭގައި ވެސް އިޒްރޭލުގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް ލިބޭނެ ވަގުތީ ބޮޑު ލުޔެއް ކަމަށެވެ.
އަދި މި ހަނގުރާމައަށް ދާއިމީ ހައްލެއް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ކުރާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން މުހިންމު ކަމަށާއި ގަތުލު އާންމުގެ އަމަލުތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކުރުކޮށް ބުނާނަމަ، ފަލަސްތީނު ރައްޔިތުންނަށް މުޅި ދުނިޔެއިން ވެސް މިހާރަށް ވުރެ އިތުރަށް ކަންކަން ކޮށްދޭންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ސަލާމަތީ މަޖިލީހުގެ 14 މެމްބަރުން ތާއީދުކޮށްގެން ފާސްކުރި އެ ގަރާރު ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން އެއްވެސް ޝަރުތަކާނުލައި ދޫކޮށްލަން ވެސް ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު