ރަޝިއާގެ ކޮންސެޓް ހޯލަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ރަޝިއާގެ މޮސްކޯގައި ހުންނަ ކޮންސެޓް ހޯލަކަށް ވަދެ ބަޑިން ހަމަލާދީ 137 މީހުން މަރާލި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ވަގުތީ ވިސާއެއްގައި ރަޝިއާގައި ދިރިއުޅެމުންދިޔަ ތަޖިކިސްތާނުގެ ހަތަރު މީހުންނެވެ.

އެ މީހުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. މޮސްކޯގެ މައިކޯޓަށް އެ މީހުން ގެންދިޔައިރު އޭގެ ތެރެއިން ތިން މީހުން ކޯޓަށް ގެންގޮށްފައިވަނީ ކަނުބަނދެގެންނެވެ. ހަތަރުވަނަ މީހާ ގެންގޮސްފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

އެ ހަތަރު މީހުންގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު އެ ކުށުގެ އަދަބަކީ އުމުރު ދުވަހަށް ޖަލަށް ލުމެވެ.