ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާ އަސްކަރީ ތިން ޑްރޯން ދުއްވާނީ ހަމައެކަނި ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ގެނައި ޑްރޯންތައް ދުއްވުމުގައި އެެއްވެސް އިތުރު ގައުމެއްގެ ސިފައިން ތިބޭނެތޯ ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި މީހަކު މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެއްގޮތަކަށްވެސް ބޭރުގެ ސިފައިން ރާއްޖޭގައި ގެންގުޅުމުގެ ސިޔާސަތު

އެ މަނިކުފާނު ނުގެންގުޅުއްވާނެ ކަމަށެވެ.

"އިހަށް ދުވަހު މި ތައާރަފުކުރި ސިފައިންގެ އެއާކޯ ސާވިސްގަވެސް އަދި އޭގެ ދަށުން ދުއްވަން ފެށި ޔޫއޭވީތައް، ޑްރޯންތައް ދުއްވުމުގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް. ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް އެކަމުގައި އެހީތެރިވާކަށް ނުތިބޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ޑްރޯންތައް އޮޕަރޭޓްކުރަނީ ދިވެހި ސިފައިންގެ ޓީމެއް ތުރުކީގައި ޑްރޯންތައް ދުއްވުމުގެ ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ސިފައިން ތަމްރީނުވުމަށް އެ ގައުމަށް ދާނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ ދިވެހި ސިފައިން ހަމަ އެ ޑްރޯންތައް ދުއްވުމުގައި ފުލީ އެ ކުރަން ޖެހޭ ކަންކަން ކުރާނީ،" ރައީސް ވިދާޅުވިއެވެ.

ތުރުކީ އިން ރާއްޖެއަށް ގެނައި "ބައިރަކްތާރު ޓީބީ2" ތިން ޑްރޯން ބޭނުން ކުރަން ފެށީ މި މަހުގެ 15 ގައި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މީގެ ކުރިން ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވީ އިންޑިއާ ސިފައިންނެވެ. އެކަމަކު އެމީހުން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފައެވެ.

ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމަކީ، ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.