ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2021 ވަނަ އަހަރުގެ މެއި މަހު ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ދިފާއީ ވުޒާރާއަށާއި ދިވެހި އަސްކަރިއްޔާއަށް މިހާރު ލިބިފައި އެބަހުރި ކަމަށް ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގައްސާން ވިދާޅުވީ މަޖިލީހުން ހޯއްދަވަން ބޭނުންފުޅުވާނަމަ އެ މައުލޫމާތު މަޖިލީހަށް ދެއްވާނެ ކަމަށެވެ.
މިނިސްޓާރާ ސުވާލު ކުރައްވަމުން އިންތި ވިދާޅުވީ، އެ ހަމަލާއަށް ތިން އަހަރު ފާއިތުވެފައިވާ އިރު، އެ މައްސަލަ ކޮޅެއްގައި ނުޖެހި، އެއީ ނުވާކަމެއްގެ ގޮތުގައި ނިމެމުންދާތަން ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ފުންމިނަށް މި ސަރުކާރުން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާނަންތޯ، މިނިސްޓަރާ އިންތި ސުވާލު ކުރެއްވިއެވެ.
އިންތިގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގައްސާން ވިދާޅުވީ، އެ މައްސަލަަ ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.
"އަޅުގަނޑަށް މިހާރުގެ ފެނިފަ ހުރި ކަންތައްތަކުގައި ބައެއް މައުލޫމާތު މި މަޖިލީހަށް ހަގީގަތުގައި މި މައްސަލައިގައި އިތުރަށް ހިއްސާ ކުރަން ދިފާއީ ވުޒާރާގަ އެބަހުރި، އެހެން ނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުން އެ މައުލޫމާތު ހޯއްދެވުމަށް މަސައްކަތް ކުރެއްވީމަ،" މިނިސްޓަރު ވިދާޅުވިއެވެ.
ގާނޫނުގެ ދަށުން ދިވެހި ސިފައިން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ވާޖިބު ފުރިހަމައަށް އަދާ ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ހައެއް މެއި 2021 ވަނަ އަހަރުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ، އެމަނިކުފާނުގެ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. މި ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް ރޭޒާ ފުއްތަކެއް އަރައި، ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ވަނީ ރާއްޖޭންނާއި ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވައިފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވީކަމަށް ކުށް ސާބިތުވެ، އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދަނީ ދައުވާކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު