ސްރީ ލަންކާގެ ވެއްލަވައްތާގައި ހުންނަ ނޯލިމިޓް ފިހާރަ އަނދައި ހުލިވެއްޖެއެވެ.

ލަންކާއަށް އެކި ކަންކަމުގައި ދަތުރުކުރާ އަދި ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ވެއްލަވައްތައިގައި ހުންނަ ނޯލިމިޓް ފިހާރައިގައި ރޯވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ބައިބޯ ސަރަހައްދެއްގައި ހުންނަ އެ ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވުމަށް 11 އަލިފާން ނިއްވާ ޓްރަކް ފޮނުވި ކަމަށް ކޮލަމްބޯ ފަޔާ ބްރިގޭޑުން ބުނެއެވެ.

އަލިފާން ނިއްވާ މީހުންނާއި ފުލުހުންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ނަމަވެސް އިމާރާތުގެ އެތެރެ ހޫނުގަދަވުމުގެ ސަބަބުން އަލިފާން ކޮންޓްރޯލް ކުރުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.