ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވިކަން ރައީސް އޮފީހުން ކަށަވަރުކޮޮށްދިން ނަމަވެސް، އެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ނުދެއެވެ. އަދި އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ވެސް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ.

ރައީސް ވަނީ ރިޔާސީ އިންތިހާބަށްފަހު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެފަހަރު ރައީސް އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.