މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހްމަދު ޝަމާހު ރަޝީދު ސަސްޕެންޑްކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން މިއަދު ކުރި އިއުލާނުގައި ބުނީ ޝަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސް އާ ގުޅުން ހުރި މައްސަލައެއް އެ ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައި ނިމެންދެން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.

އެގޮތުން އެ މައްސަލައިގެ ފުރިހަމަ އިންކުއަރީ އެއް ހިންގުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާއި ބެހޭ އުސޫލުގެ ދަށުން މިއަދުން ފެށިގެން 14 ދުވަހަށް އޭނާ މަގާމުގެ މަސްއޫލިޔަތުން ވަގުތީ ގޮތުން އެކަހެރި ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ޝަމާހު މިފްކޯގެ ސީއީއޯގެ މާގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ޝަމާހު ސަސްޕެންޑްކޮށްފައިވާ އިރު، ޕީސީބީން މިދިޔަ މަހުގެ 29 ގައި އޭނާއަށް ފޮނުވި ސިޓީގައި ވަނީ އޭނާއާ ގުޅޭ 12 މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

  • ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން
  • ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން
  • ކުންފުނީގެ މުވައްޒަފުން ނެގުމާ ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި ރަށްޓެހިންނަށް ބަޖެޓު ނެތް އިރުވެސް ވަޒީފާދިނުން
  • ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލައި ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުން
  • ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އިއުލާނު ނުކޮށް މުވައްޒަފުން ނެގުމާއި އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން
  • އުސޫލުތަކާ ހިލާފަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާއެއް ނެތް ފަރާތްތައް ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން
  • ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާ އިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން
  • ކުންފުނީގެ އޮޓް ބިޑު ކޮމިޓީ ބަދަލުކޮށް، ބެސްޓްޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން އެކޮމިޓީއަށް ލުން
  • ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރުދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުން
  • ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން
  • ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް، ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުމާއި ވަސީލަތްތަކަށް އެކްސެސް ވެވުން
  • ކުންފުނީގެ މާލީ ހާލަތު ހުރިގޮތަށް ނުބަލައި ސީއީއޯ ރާއްޖޭން ބޭރު ދަތުރުތައް ކުރުމާއި ދަތުރުކުރާ އިރު، ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރިކުރުން