ސޯމާލިއާގެ ޕައިރޭޓުން ހިފި ބޯޓެއް އިންޑިއާ ނޭވީއިން ސަލާމަތްކޮށްދީފިއެވެ.

އިންޑިއާގެ ނޭވީ އިން ވަނީ ނޭވީގެ ފޯސް އާއި ސްޕެޝަލް ކޮމާންޑޯސް އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކުރި ކާގޯ ބޯޓުން 17 ފަޅުވެރިން ދަތުރުކުރި ކަމަށް ބުނެފައެވެ.

ސޯމާލިއާގެ ޕައިރެޓުން އެބޯޓު ހައިޖެކްކޮށްފައިވަނީ މިދިޔަ އަހަރު ފަހުކޮޅު ކަމަށް ނޭވީގެ އޮފިޝަލުން ބުނެއެވެ.

އެމްވީ ރުއެން ނަމަކަށް ކިޔާ އެ ކާގޯބޯޓު ސަލާމަތްކުރުމަށް މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަންގައި އެބޯޓަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އެރި އިރު ޕައިރެޓުންގެ 35 މީހުން ބޯޓުގައި ތިބި ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާ ނޭވީއިން ބޯޓަށް އެރުމާއެކު ޕައިރެޓުން އެންމެން އަމާންދިން ކަމަށްވެސް ނޭވީއިން ބުނެފައިވެއެވެ.

އިންޑިއާއިން ވަނީ ހުޅަނގު ރަތް ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާއިން އުފައްދާފައިވާ ކޯލިޝަނާ ގުޅިގެން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފައެވެ. އެމެރިކާއިން އިސްނަގައިގެން އުފައްދާފައިވާ ކޯލިޝަންގެ މަގުސަދަކީ ރަތް ކަނޑުގައި ޔަމަނުގެ ހޫތީން ދެމުންދާ ހަމަލާތަކުން އެސަރަހައްދުން ދަތުރުކުރާ ކާގޯ ބޯޓުތައް ސަލާމަތްކުރުން ކަމަށް އޮފިޝަލުން ބުނެއެވެ.