އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އާ ވެބްސައިޓް އިފުތިތާހުކޮށްފިއެވެ.

އީސީގެ ސެކްރެޓެރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު "ވަން" އަށް ވިދާޅުވީ، އާ ވެބްސައިޓުގައި އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތުތައް ފޮޓޯއާއެކު ފެންނަން ހުންނާނެ ކަމަށެވެ. އަދި އަހަރީ ރިޕޯޓްތައް ހޯދަން ފަސޭހަވުމުގެ އިތުރުން އާ ވެބްސައިޓަށް ފޯނުން ވަންނަން ފަސޭހަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އާ ވެބްސައިޓުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ބެލޭނެ ގޮތާއި އިންތިހާބުތަކާ ގުޅޭ ތަފާސްހިސާބުތައް ބެލޭނެ ގޮތާއި އީސީގެ އޮންލައިން ހިދުމަތްތައް އީފާސްގައި ރަޖިސްޓްރީ ވެގެން ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތާއި ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް އީސީއަށް އޮންލައިންކޮށް ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އީސީގެ އާ ވެބްސައިޓުގައި 2008 ވަނަ އަހަރުގެ ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބަކާއި މަޖިލިސް އިންތިހާބަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުގެ ނަތީޖާ ފެންނަން ހުންނާނެއެވެ. އަދި އެ އިންތިހާބުތަކުގައި މަސައްކަތް ކުރި އޮފިޝަލުންނާއި ވަގުތީ މުވައްޒަފުންގެ އަދަދާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ވޯޓު ފޮށި ބަހައްޓާ އަދަދާއި އެކަމުގައި ހަރަކާތްތެރިވާ ވަގުތީ މުވައްޒަފުންގެ އަދަދުވެސް ފެންނަން ހުރެއެވެ.