އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖިއެމްއެޗް) އާއި މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައި މުއްދަތުގެ ތެރޭގައި މެޑިކުއިޕްގެ އަތުން ރީއެޖެންޓްސް ނުގަތުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު މެޑިކުއިޕްއަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އެ ކޯޓުން ބަލެއް ނުގަތެވެ.
މި މައްސަލައަކީ އައިޖިއެމްއެޗްއަށް އިމިއުނޯ ޑައިގްނޯސްޓިކް ސިސްޓަމް ފޯރު ކޮށްދިނުމަށްޓަކައި މެޑިކުއިޕް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މެޝިން އިންސްޓޯލް ކޮށްފައިވަނިކޮށް 2015 ވަނަ އަހަރުގެ ތެރޭގައި އެ އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް އައިޖީއެމްއެޗުން އެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން މެޑިކުއިޕް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މެޑިކުއިޕް އިން އެދިފައިވަނީ، އައިޖިއެމްއެޗުން އެ އެއްބަސްވުން ބާތިލުކޮށްފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމުގެ އިތުރުން އެއްބަސްވުމަށް އިހުތިރާމުކޮށް އެއްބަސްވުމަށް އަމަލުކުރުމަށް އައިޖީއެމްއެޗްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
މީގެ އިތުރުން އެއްބަސްވުމާ ހިލާފަށް އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓުވާލުމުގެ ސަބަބުން މެޑިކުއިޕްއަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލުހޯދުމަށް ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު، މިދިޔަ ޖެނުއަރީ 28 ގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، މި މައްސަލައިގައި މެޑިކުއިޕް އިން ފޯރުކޮށްދީފައިވާ އިމިއުނޯ ޑައުގްނޯސްޓިކް ސިސްޓަމް ބޭނުންކުރުން ހުއްޓާލައި، މެޝިން އަނބުރާ ގެންދިއުމަށް 21 ނޮވެމްބަރު 2017 ގައި އައިޖީއެމްއެޗުން ފޮނުވި ސިޓީއަކީ އެއްބަސްވުމާ ހިލާފަށް އަންގާފައިވާ އެއްގުމެއްކަން ސާބިތުނުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.
މީގެ އިތުރުން މެޝިނަށް ބޭނުންވާ ރީއެޖެންޓްސްއަކީ މެޑިކުއިޕްގެ އަތުން ގަންނަންޖެހޭ އެއްޗެއްކަން ސާބިތުވާން އޮތަތީ، އެ އެއްބަސްވުން ނިމުމަކަށް ގެނައި މުއްދަތުގެ ތެރޭގައި މެޑިކުއިޕްގެ އަތުން ރީއެޖެންޓްސް ނުގަތުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ކަމަށް ގަބޫލު ކުރެވޭނަމަ އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު މެޑިކުއިޕްއަށް ލިބިގެންވާ ކަމަށް ވެސް ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ.
ސިވިލް ކޯޓުގެ އެ ނިންމުމާމެދު ހިންހަމަނުޖެހިގެން އެ މައްސަލަ ދައުލަތުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅިއެވެ. ނަމަވެސް މި މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުން ވަނީ ނިންމައިފައެވެ.
ހައިކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފް ނިންމެވި އެ ނިންމެވުމުގައި ވަނީ، ދަށު ކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފު ކުރާނަމަ، އެ މައްސަލަ ނިންމިތާ 30 ދުވަހުގެ ތެރޭގައި ހައިކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށް މަަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަމަށެވެ.
ނަމަވެސް މި މަހުގެ ހަތަރުވަނަ ދުވަހު އައިޖީއެމްއެޗްގެ ފަރާތުން މި މައްސަލަ ސިވިލް ހައިކޯޓަށް ހުށަހެޅި އިރު، މި މައްސަލައަކީ މި އަހަރުގެ ޖެނުއަރީ މަހުގެ 28 ގައި ސިވިލް ކޯޓުުން ނިންމަންޖެހޭ މައްސަލައެއް ކަމަށްވެސް ބުނެފައިވެއެވެެ. އެ މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ބޭނުންވާ ނަމަ، މި މައްސަލަ ހައިކޯޓަށް ހުށަހަޅަން ޖެހެނީ 28 ފެބްރުއަރީގެ ނިޔަލަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އެހެންކަމުން، އިސްތިއުނާފުގެ މުއްދަތު ހަަމަވިފަހުން ހުށަހަޅާފައިވާ މައްސަލައަކަށްވާތީ މި މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ނިންމި ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު