މިއަދަށްފަހު މިއީ ވަރަށް ބޮޑު ގައުމެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި އިސްކުރަންވީ ދިވެހި ފިކުރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އިފްތިތާހުކުރުމާއި، ތުރުކީން ގެނައި ޑްރޯންތައް ބޭނުންކުރަން ފެށުމަށް ނ. މާފަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކަނޑުގެ ބޮޑު ސަރަހައްދު މިވީހާ ދުވަހު އަމިއްލައަށް ނުބެލެހެއްޓި އޮތް އޮތުމަކީ އެކަމަށްޓަކައި ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫން ކަމަށާއި އެއީ އޭރު އެކަމުގެ ގާބިލުކަން ނެތުމުން ކަމަށެވެ. ނަމަވެސް މިއަދު އެ ގާބިލުކަން ލިބިގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވީތީ މިއަދަށްފަހު އަޅުގަނޑުމެން އެންމެން ގަބޫލުކުރަންވީ މިއީ ވަރަށް ބޮޑު ގައުމެއްކަމާއި، މި ބޮޑު ގައުމު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓޭނެ ވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ގައުމެއް ކަމާއި، އަޅުގަނޑުމެންގެ އިގުތިސާދު އިރާދަކުރެއްވިއްޔާ ފައިސާ ޗާޕުނުކޮށް އަޅުގަނޑުމެންގެ ދަރަނިތައް ދައްކަމުން، އަޅުގަނޑުމެންގެ އިގުތިސާދުގައި ބުންވަރު ޖައްސަމުން، އަޅުގަނޑުމެންގެ އިގުތިސާދުގައި އިންވެސްޓުކުރާނެ ފަރާތްތަކަށް ޔަގީންކަން ހޯދައިދެމުން، އިގުތިސާދު ފުޅާކުރަމުންދާނެ ގައުމެއްކަމާއި، އަޅުގަނޑުމެންގެ ދަރިންނާއި އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަމާއި ހުރިހާ ކަމެއް ޔަގީންކަމާއެކީ ގާއިމުވެގެންދާނެ ގައުމެއްކަން ގަބޫލުކުރުމާއި، އަޅުގަނޑުމެން އެންމެންނަކީ ދިވެއްސަކަށްވީތީ ފަހުރުވެރިވާ ބައެއްކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ވަރުގެ ބައެއްކަން ގަބޫލުކުރުން. އެއީ އަޅުގަނޑުމެންގެ އަޒުމަކަށް މިއަދު ވާންވީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހީންގެ މި ފަހުރުވެރި، މި މާތް، މި މުގައްދަސް މަސައްކަތް މިރޭ ފެށިގެން މިދިޔައީ މި ބަރަކާތްތެރި ރަމަޟާން މަހު ކަމަށެވެ. އަދި އަޒުމަކަށް ވާންވީ އީމާންތެރިކަން ވަރުގަދަކޮށް، ދިވެހީންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާން ބަހައްޓައި، މާތްވެގެންވާ އިސްލާމްދީނަށް ނަސްރު ދިނުމުގައި، އަޅުގަނޑުމެންގެ ގައުމު ހިމާޔަތްކުރުމުގައި، ވާޖިބު އަދާކުރުމުގައި ކުރިއަށްދިއުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެކަމުގައި ދެވަނަ ވިސްނުމަކަށް ދާކަށް ނުޖެހޭ. އެކަމުގައި އެއްވެސް ކަހަލަ ސަބަބެއް، އެކްސްކިއޫޒެއް އެހެން ގޮތަކަށް ދައްކަން ޖެހޭނެ ބައެއް ނޫން މިއީކީއެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހީންނަށް އަމިއްލަ ފަހުވެރިވެރި ދިވެހި ގައުމެއްކަން އިހުސާސްވެގެން ދާން ޖެހޭ ކަމަށާއި ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށެވެ. އަދި އެކަން ކުރުމަކީ އެމަނިކުފާނުގެ އެންމެ މަތީ ޒިންމާކަމުގައި ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު