މިއަހަރުގެ ތެރޭގައި ހައިޑްރޮގްރަފީގެ މަސައްކަތް ވެސް އެމްއެންޑީއެފުން އަމިއްލައަށް ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ރާއްޖެއިން ވަނީ އިންޑިއާއާއެކު ރާއްޖޭގެ ކަނޑުއަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަންނަން ކުރަމުންގެންދާ ސާވޭގެ އެއްބަސްވުމެއް ހަދައިފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ އިންޑިއާއާއެކު ހަދާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރުމަށް ނިންމައިފައެވެ. މިހާރު ހަދާފައިވާ އެ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ.
ދިވެހި ސިފައިންގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އިފްތިތާހުކުރުމާއި، ތުރުކީން ގެނައި ޑްރޯންތައް ބޭނުންކުރަން ފެށުމަށް ނ. މާފަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންނަކީ ރާއްޖޭގެ އިން ފުރިހަމަގޮތުގައި އަމިއްލައަށް ބަލަހައްޓާ ބައެއް ކަމުގައި ވާން ޖެހޭނެކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށާއި އެހެން ގައުމެއްގެ ބާރު މިތަނުގެ އެތެރޭގައި ހިންގުމުގެ ފުރުސަތު ނުދޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
"މީގެ ކުރިން އަޅުގަނޑުމެންގެ ކަނޑުގެ އަޑި ދިރާސާކުރަން ވެސް އެހެން ފަރާތްތަކުގެ އެހީ ހޯދަން ޖެހިފައި އޮތީ. އެހެންނަމަވެސް އެކަން ވެސް އިރާދަކުރެއްވީތީ ދެން ކުރިއަށްގެންދާނީ އަސްކަރިއްޔާގެ ފަރާތުން. އެކަމަށްޓަކައި ބޭނުންވާ މާލީ ކަންކަން، ބަޖެޓުގެ ކަންކަން މިހާރު ވާނީ ހަމަޖައްސައިދީފައި އެމްއެންޑީއެފަށް. މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހައިޑްރޮގްރަފީގެ މަސައްކަތް ވެސް އެމްއެންޑީއެފްގައި އެ ކެޕޭސިޓީ ގާއިމުކުރެވިގެން އަޅުގަނޑުމެން އަމިއްލައަށް ކުރަން ފަށާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހީންނަށް އަމިއްލަ ފަހުވެރިވެރި ދިވެހި ގައުމެއްކަން އިހުސާސްވެގެން ދާން ޖެހޭ ކަމަށާއި ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށެވެ. އަދި އެކަން ކުރުމަކީ އެމަނިކުފާނުގެ އެންމެ މަތީ ޒިންމާކަމުގައި ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ނޮވެމްބަރު 17ގައި ރައްޔިތުންނާ މުހާތަބުކޮށް އަޅުގަނޑު އެންމެ ފުރަތަމަ ދެއްކި ވާހަކައިގައި މި ވާހަކަ ދެއްކިން. ދިވެހިންގެ މިނިވަންކަމުގެ ރަތް ރޮނގު އަޅުގަނޑު ދަމާނީ ވަރަށް ފަލަކޮށޭ، އެ ރަތް ރޮނގުގެ އެތެރެއަކަށް ހަމަ އެއްވެސް ބަޔަކަށް ވަނުމުގެ ހައްގެއް ނޯންނާނެއޭ، އެކަން ކުރުމުގެ ފުރުސަތެއް ހަމަ ހިލާ އިރާދަކުރެއްވިއްޔާ ނުދޭނަމޭ، އެތެރޭގައި ތިބި ބަޔަކު ވިއްޔާ އިރާދަކުރެއްވިއްޔާ ބޭރުކުރާނަމޭ، އެއީ އަޅުގަނޑު ދެއްކި ވާހަކަ. އަމަލާއި ބަހާ އަޅުގަނޑުގެ އިރާދަކުރެއްވިއްޔާ އަބަދުވެސް ދިމާވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު އަމަލާއި ބަަސްފުޅު ދިމާވަނީ ރައްޔިތުން އެކަމުގައި އެއްބާރުލުން ދެއްވާތީ ކަމަށާއި އެކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރުވެރިވާ ކަމަށެވެ.
ޚަބަރު
ޚަބަރު