ގައުމުގެ މިނިވަންކަމަށްޓަކައި އެންމެން ކިޔަންޖެހޭނީ އެކައްޗެއް ކަމަށާއި އެކަމުގައި ސިޔާސީ ވިސްނުން އިސްކުރުމަކީ އަމިއްލަ ނަފުސަށް ބޭވަފާތެރިވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އިފްތިތާހުކުރުމާއި، ތުރުކީން ގެނައި ޑްރޯންތައް ބޭނުންކުރަން ފެށުމަށް ނ. މާފަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވަރަށް ފުޅާކޮށް މިނިވަންކަން ގަބޫލުކުރަން ފަށަން ޖެހޭ ކަމަށެވެ.

"ގައުމަށްޓަކައި، ގައުމީ ފިކުރުގައި، ގައުމުގެ މިނިވަންކަމަށްޓަކައި، ގައުމުގެ ސިޔާދަތަށްޓަކައި، ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށްޓަކައި، ގައުމުގެ އިގުތިސާދު ނަގައި ކޮޅަށް ޖެހުމަށްޓަކައި އަޅުގަނޑުމެން އެންމެން ކިޔަން ޖެހޭނީ އެކައްޗެއް، އެއް ލަވައެއް، އެއް ފޮތަކުން އަޅުގަނޑުމެން ކިޔަވަން ޖެހޭނީ، ކިޔަން ޖެހޭނީ. އެހެން ނޫނިއްޔާ އަޅުގަނޑުމެން އަމިއްލަ ނަފުސަށް މި ބޭވަފާތެރިވަނީ، އަޅުގަނޑުމެން އަމިއްލަ ނަފުސަށް މި އޮޅުވާލަނީ، އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ މުސްތަގުބަލު އަމިއްލައަށް ބަނަކޮށްލާނީ. އެހެންވާ ބަޔަަކަށް އަޅުގަނޑުމެން ވެގެން ނުވާނެ. އެހެން ކަންވާން ދޫކޮށްލާ ބަޔަކަށް އަޅުގަނޑުމެން ހަމަ ހިލާ ވެގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހީންނަކީ އަމިއްލަ ގައުމުގެ އިންފާރުގެ އެތެރެ އަމިއްލައަށް ބެލެހެއްޓޭނެ ގާބިލުކަން ލިބިފައިވާ ބައެއްކަމާއި، އިގުތިސާދު ނަގައި ކޮޅަށް ޖަހައި ދިވެހީންގެ ބޮޑު ސަރަހައްދުގެ ބޭނުން ފުރިހަަމަގޮތުގައި ހިފައިގެން އިގުތިސާދީގޮތުން ވެސް މިނިވަންކަން ލިބިގެންދާނެ ބައެއްކަން ގަބޫލުކުރަން ފަށަން ޖެހޭ ކަމަށެވެ.

"ދިވެއްސަކަށް ވީތީ ފަހުރުވެރިވާންވީ އެހެންވެގެން. އަޅުގަނޑުމެން ކޮންމެ މީހަކީ ފުރަތަމަ ދިވެއްސެކޭ މި ދަންނަވަނީ އަޅުގަނޑުމެން އެންމެން މިކަމަށްޓަކައި ފަހުރުވެރިވުމުގައި ސިޔާސީ ވިސްނުން އޭގެ ތެރެއަށް ވަންނަންޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ. ދިވެއްސަކަށް ވެފައި ސިޔާސީ ފިކުރު ވެސް އަންނަނީ. އެހެންވީމާ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަންކަން މި ހުންނަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއާ ކޯ އުފެއްދިގެން ގާއިމުވެގެންދިއުމާއެކު މިއަދު ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުވެގެން ގޮސްފައިވާ ކަމަށާއި އަދި ކުރިއަށްއޮތް ދުވަސްތަކުގައި ދިވެހީންގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި އިތުރު ގިނަ ކަންތައްތަކެއް އަސްކަރިއްޔާގެ ގާބިލުކަމަށް އިތުރުކުރެވިގެންދާނެ ކަމަށެވެ.