ދިވެހިން އަމިއްލަ ބާރުވެރިކަން ހޯދުމަކީ ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫން ކަމަށާއި ރާއްޖެއަކީ އެއްވެސް ގައުމެއްގެ ހަތުރުންނެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އިފްތިތާހުކުރުމާއި، ތުރުކީން ގެނައި ޑްރޯންތައް ބޭނުންކުރަން ފެށުމަށް ނ. މާފަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާއިން އަމިއްލައަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފެށުމަކީ އެހެން ގައުމަކުން ކަންބޮޑުވާން ޖެހެންވީ ސަބަބެއް ނޫން ކަމަށެވެ.

"މިކަން އަޅުގަނޑުމެން ކުރުމަކުން އެއްވެސް ބަޔަކު ކަންބޮޑުވާނެ ކަމެއް ނެތް. އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކާ ވެސް ގާތް ގުޅުން އޮންނާނެ ބައެއް. އަޅުގަނޑުމެންނަކީ އެއްވެސް ގައުމެއްގެ ހަތުރުންނެއް ނޫން. އަޅުގަނޑުމެންނަށް މުހިންމުވެގެން މިއުޅެނީ މި ފަހުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމުގައި، މިނިވަންކަންމަތީގައި އޮންނާނެ ގޮތް ހެދުން. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަންމަތީގައި ހުރިހާ މާނައެއްގައި، އެއީ އިގުތިސާދީގޮތުން ވެސް، އަސްކަރީގޮތުން ވެސް މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ހަމަޖެހިގެން މީހުން ދިރިއުޅޭ ގައުމެއްގެ ގޮތުގައި މި ގައުމު އޮވެގެން ނޫނިއްޔާ މި ސަރަހައްދަށް ވެސް ހަމަޖެހުމެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްޓެބިލިޓީ އާއި ޕީސް ސަރަހައްދެއްގައި ގާއިމުކުރަންޏާ އެ ސަރަހައްދަކަށް ނިސްބަތްވާ ކޮންމެ ގައުމަކީ ވެސް "ސްޓޭބަލް، ތުރައިވިން އަދި މިނިވަންކަންމަތީގައި އޮންނަ ގައުމުތަކަކަށް" ވާން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމުގައި ދިވެހީންނަށް ފުރިހަމަ ހައްގު ހަގީގަތުގައި ވެސް އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަމުގައި ހިޔާލުތަފާތުވުންތަކެއް އަޅުގަނޑުމެންގެ އެތެރޭގައި އޮތުމަކީ އަޅުގަނޑު ދެކޭގޮތުގައި ވެގެންވާނެ ގޮތެއް ނޫން. އެހެންވީމާ ތަކުރާރުކޮށް ވެސް މި ދަންނަވަނީ އަޅުގަނޑުމެން ކޮންމެ މީހަކީ އެންމެ ފުރަތަމަ ދިވެއްސެކޭ،" އެމަނިކުފާނު ވިދާޅުވިއެވެ.