ކުރީ ސަރުކާރުގެ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށް އުފެއްދި "ހައުސިން ކޮމިޓީ"ގައި މާލޭ ސިޓީ ކައުންސިލުގެ ބައިވެރިވުން ހިމެނުމަށް ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައުސިން ކޮމިޓީގެ މުހިންމު ނިންމުންތައް ނިންމުމުގައި މާލޭ ސިޓީ ކައުންސިލުގެ ބައިވެރިވުން ހިމެނުމަށް ބޭނުންވާތީ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަޝްވަރާގެ މަތިން މާލޭ ސިޓީގެ ފަސް ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެކުލަވާލައްވާފައިވާ ކަމަށެވެ.

  • މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް
  • އާއިޝަތު ނިޒްލީ ރަޝީދު
  • އަހުމަދު އައިފާން
  • ހަސަން ނިޒާމް
  • މުހައްމަދު އަރީޝް

މިނިސްޓްރީން ބުނީ ކައުންސިލަރުންގެ މައްޗަށް އެކުލަވާލި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ކަމަށާއި އެ ކޮމިޓީގެ ސެކެޓްރިއޭޓް ބަލަހައްޓާނީ މިނިސްޓްރީގެ ފަރާތުން ކަމަށެވެ.

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ކުރިއަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ފަސް މެންބަރުން ހިމެނޭ "ހައުސިން ކޮމިޓީ"އެއް އެކުލަވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ އިރު، އެ ބައްދަލުވުމުގައި ވަނީ ކޮމިޓީގެ ޗެއާ އާއި ވައިސް ޗެއާ އައްޔަންކޮށްފައެވެ. ހައުސިން ކޮމިޓީގެ ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ޖެންޑާ މިނިސްޓަރު، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދެވެ. އަދި ވައިސް ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ އަބްދުލްއަޒީޒް ޔޫސުފެވެ.

  • ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު، މ. ލޮނުވެލި
  • އާމިނަތު އީނާސް، ހ. ހަބަރުގެ
  • އަހުމަދު އަލި މަނިކު، ގ. ވިޔަވަތި
  • އަބްދުލްއަޒީޒް ޔޫސުފް، މ. ދޫނިހުރާ
  • މަރިޔަމް ފިޒާނާ ރަޝީދު، މ. ޒޭވަރު

އާންމުންގެ ސުވާލުތަކަށް ސީދާ ރައީސް މުއިއްޒު ޖަވާބުދެއްވުމަށް މިދިޔަ މަހު ސަލްޓަން ޕާކުގައި ބޭއްވި ފޯރަމުގައި އެމަނިކުފާނު ވަނީ އެ ކޮމިޓީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާ ގުޅޭ މައްސަލަތައް ބެލުމަށް އާންމުންގެ އިތުބާރު ލިބިފައިވާ ކޮމިޓީއެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"ދެން އަޅުގަނޑުމެން މިނިސްޓްރީ ތެރެއިން މުވައްޒަފުން ވެގެން ހަމައެކަނި ޗެކްކުރުމުގެ ބަދަލުގައި މިހާރު ކަނޑައަޅާފައި މިއޮތީ މުޖުތަމައުގެ ތެރޭގައި މީހުން ބަލައިގަންނަ އިތުބާރުކުރާ ފިގާސްތައް ހިމެނޭ ގޮތަށް ނޫނީ ރައްޔިތުންގެ ތެރޭގައި އިތުބާރު ލިބިފައިވާ ރަނގަޅު ބޭފުޅުންގެ މައްޗަށް ހިމެނޭ ކޮމިޓީއެއް ވެސް އުފައްދަން. މާނައަކީ އިތުބާރު ގެންނަން ބޭނުން އަޅުގަނޑުމެން ކުރާކަމެއް. އެއީ ސަރުކާރުގެ ތެރެއިން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ނަހަދާން ވެގެން. ރައްޔިތުން ވެސް އެބައެއްގެ ބަސް ގަބޫލުކުރާ ކަހަލަ ބޭފުޅުންކޮޅެއް މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދާފައި އޭސީސީން އެ ނިންމި ނިންމުން އެ ލިސްޓު އަޅުގަނޑުމެން ކޮމިޓީ ލައްވާ ބަލާނީ، މުރާޖާކުރާނީ،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ސަރުކާރުން ބޭނުންވަނީ ފުލެޓް ނުލިބޭ މީހުންގެ ލިސްޓު އާންމުކުރަން ކަމަށާއި ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޯޓަލް އެކްސެސް ލިބިފައިނުވާތީ އެކަން އަދި ކުރެވޭ ގޮތް ނުވެފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން ދޭން ނިންމި 4،000 ފުލެޓާ ގުޅިގެން އޭސީސީއަށް ހުށަހެޅި މައްސަލަތައް ބެލުމަށްފަހު އެ ކޮމިޝަނުން ގޮތެއް ނިންމައި، އެކަން މިހާރު ހައުސިން މިނިސްޓްރީއަށް ވަނީ އަންގައިފައެވެ. އެ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.