ރަމަޟާން މަހަށް ހާއްސަކޮށް ޕާސްޕޯޓުގައި ޖަހާ ސްޓޭމްޕެއް ސައުދީން ތާއާރަފުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓްރީން އެގައުމުގެ ކަލްޗާ މިނިސްޓްރީއާ ގުޅިގެން އުފައްދާފައިވާ ހާއްސަ ސްޓޭމްޕް ލޯންޗުކޮށް އެގައުމަށް އެތެރެވާ ފަރާތްތަކުގެ ޕާސްޕޯޓުގައި ޖެހުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އޮފިޝަލުން ބުނީ އެ ސްޓޭމްޕްގެ އަމާޒަކީ ސައުދީގެ ސަގާފަތާއި އާދަކާދަ ދައްކާލުމުގެ އިތުރުން ރަމަޟާން މަހުގެ ހެޔޮ އެދުންތައް އެގައުމަށް އެތެރެވާ މީހުންނަށް ކިޔުން ކަމަށެވެ.

ސައުދީގައި ރަމަޟާން މަހަށް ހާއްސަ ސްޓޭމްޕް ޕާސްޕޯޓުގައި ޖެހުމަށް ހަމަޖެހިފައިވަނީ އެގައުމުގެ މައި އެއާޕޯޓުތައް ކަމަށްވާ ޖިއްދާގައި ހުންނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ކިންގް ހާލިދް އިންޓަނޭޝަނަލް އެއާޕޯޓް އަދި ކިންގް ފަހަދް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ސައުދީގެ ކަލްޗާ މިނިސްޓްރީން ވަނީ އެގައުމުގައި މިއަހަރުގެ ރަމަޟާން މަހަށް ހާއްސަ ޕްރޮގްރާމެއް ވެސް ލޯންޗުކޮށްފައެވެ. އެ ޕްރޮގްރާމުގެ ދަށުން ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ރާވައިފައެވެ.