ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ކުރޫއިން ދަތުރުކުރާއިރު ރޯދަ ހިފުން މަނާކޮށްފިއެވެ.

ޕާކިސްތާނުގެ މައި އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވަނީ އެ އެއާލައިން އިން ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހުރިހާ ކުރޫއިންގެ އިތުރުން ޕައިލެޓުން ވެސް ދަތުރުކުރާއިރު ރޯދަ ހިފުމަކީ މަނާކަމެއް ކަމަށް ވަނީ އަންގައިފައެވެ.

އެ އެއާލައިންގެ ކޯޕަރޭޓް ސޭފްޓީ މެނޭޖްމަންޓުން ދިން ލަފާގެ މަތިން އެ އެއާލައިން އިން ވަނީ ބުދަ ދުވަހުން ފެށިގެން އެ ގަވާއިދަށް އަމަލުކުރުމަށް އަންގައިފައެވެ.

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް އިން ވަނީ ރޯދައަށް ހުރެ ޕައިލެޓުން ފްލައިޓު ދުއްވުމުގެ ތެރޭގައި ދިމާވެދާނެ ސިއްހީ މައްސަލައެއްގެ ސަބަބުން ފްލައިޓުން ދަތުރުކުރާ އެހެން އެންމެން ނުރައްކަލަށް މަގުފަހިވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައެވެ.