ނައިބު ރައީސުންގެ ރަސްމީ ގެކޮޅު، ހިލާލީގެ މަރާމުތުކޮށް ނުނިމޭތީ، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، ހިލާލީގެއަށް އަދި ބަދަލުވެވަޑައިގެންފައިނުވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ހިލާލީގެ، ޗީފް އޮފް ސްޓާފް ޖާސޫސް ކުރާތީ، ނައިބު ރައީސް ހިލާލީގެއިން ނުކުމެވަޑައިގެން، އަމިއްލަ އެޕާޓުމެންޓަށް ބަދަލުވެވަޑައިގެންފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް "ވަން" އަށް މިއަދު ވިދާޅުވީ ސޯޝަލް މީޑިއާގައި ދެކެވެމުންދާ އެ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ހިލާލީގެ މަރާމާތުކުރާތީ، ނައިބު ރައީސް އެއްވެސް އިރެއްގައި އެ ގެކޮޅުގައި އަދި ދިރިއުޅުއްވާފައިނުވާ ކަމަށް ވިދާޅުވިއެވެ.

"ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަންނަވާނީ މަރާމާތުކޮށް ނިމުމުން. ހިލާލީގެ މަރާމާތުކޮށް ނިމެނޭ ވަކި ދުވަހެއް ދަންނަވަން އެހެން ނޭނގެ،" ހަލީލު ވިދާޅުވިއެވެ.

ނައިބު ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނާ ގުޅުވައި ފަތުރަމުންދަނީ އެއްވެސް ވަރަކަށް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދޮގުތައް ހަދައި މުޖުތަމައު ފަސާދަކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.