މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ޒަކާތު ހައުސް އިން ބުނީ، އިއްޔެ އިން ފެށިގެން އަންނަ މަހުގެ ހައެއްގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

އޮންލައިންކޮށް ޒަކާތު ފައިސާ ދެއްކޭނީ ދިރާގު ޕޭ، އެމްފައިސާ، ފައިސާ މޯބައިލް، ބީއެމްއެލް ޕޯޓަލް، ފަހިޕޭ އެޕްލިކޭޝަންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭއިންނެވެ. ބަނޑޭރި ޕޭއިން ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ޒަަކާތް ދެއްކޭނެއެވެ.

ޒަކާތު ހައުސް އިން ބުނީ މިއަދުން ފެށިގެން މި މަހުގެ 28 އަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ނަމަ ހެނދުނު 9:30 އިން މެންދުރު 1:00 ޖެހުމާ ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

މި ސަރުކާރުން ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށްފައި ވުމުން މި މަހުގެ 31 އިން އަންނަ މަހުގެ 9 އަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށްވެސް ޒަކާތު ހައުސިން އިން ބުންޏެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދަކީ އާދައިގެ ހަނޑޫނަމަ 12 ރުފިޔާއެވެ. ތައިލެންޑް ހުދު ހަނޑޫނަމަ 70 ރުފިޔާއެވެ. ރަތް ހަނޑޫ ނަމަ 80 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ ނަމަ 70 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ ނަމަ 100 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުގެ އެންމެ މޮޅުނަމަ 125 ރުފިޔާއެވެ. އާދައިގެ ފުށް ނަމަ ދިހަ ރުފިޔާއެވެ. އަދި އާޓާ ފުށް ނަމަ 75 ރުފިޔާއެވެ.