ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ރައީސްއާ ސުވާލު ކުރަމުން، މ.ނާލާފުށީ މަތަރެސްމާގޭ، މޫސާ ސާބިރު ބުނީ އޭނާއަކީ، ޑިގްރީ ހާސިލު ކުރުމަށްފަހު ރަށު ކައުންސިލްގައި މަސައްކަތް ކުރާ ޒުވާނެއް ކަމަށާއި ނަމަވެސް ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ލިބެނީ ވަރަށް ކުޑަ މުސާރައެއް ކަމަށެވެ. އެހެންވެ އޭނާ ވަނި ސިވިލް ސާވިސްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މަޖިލީހުން، ކައުންސިލްތައް ކެޓަގަރައިޒް ކޮށްފައިވަނީ ވަރަށް ދަށް ފަންތިއެއްގައި ކަމަށެވެ. ކައުންސިލްތަކުގެ މުސާރައިގެ މައްސަލަ ހައްލުނުވެގެން އުޅެނީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ކައުންސިލް އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. އެންމެ ދަށް ފަންތީގެ ހިމެނޭ މައްސަލައެއް. އެހެންވީމާ އެކަމަށް މިހާރު މިހާރަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން"
"ސަރުކާރުން، ފިނޭންސް މިނިސްޓްރީން މުސާރަ ބޮޑު ކުރަން ބޭނުންވިޔަސް އެކަމެއް ނުވެއް ކުރެވޭ ކެޓަގަރައިޒް ކޮށްފައި އޮންނަ ގޮތުން"، ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ޖުމްލަ ގޮތެއްގައި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ އިގުތިސޯދު ހަރުދަނާ ކުރެވި އާމްދަނީ އިތުރުވާ ވަރަކުން ކަމަށެވެ.
ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުން ކިޔެވުމުން މުސާރައިގެ ކުރިއެރުން ދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ކައުންސިލުތަކުގެ މުވައްޒަފުންނަކީ އެހެން އޮފީސްތަކާ ހިލާފަށް ބަންދު ދުވަސްތަކުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި ކައުންސިލްތަކަކީ އަބަދުވެސް ހުޅުވާފައި ހުންނަ ތަންތަން ކަމުން، މުވައްޒަފުން ހުރިހާ ގަޑިއެއްގައިވެސް މަސައްކަތް ކުރަންޖެހޭކަން ފާހަގަ ކުރައްވައިފައެވެ.
"ދެން އެހެންނަމަވެސް އަޅުގަނޑުމެންގެ ޕޭ ސްޓްރަކްޗާ ހެދުމުގެ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ތިކަމަށް ހައްލެއް ގެންނަން އަޅުގަނޑު ބޭނުން. އަޅުގަނޑު ވަރަށް ގާތުން ކައުންސިލު މުވައްޒަފުން ދެކިފައި ހުރި މީހެއް މިއީ. އެހެންވީމަ އަޅުގަނޑަށް އެނގޭ ކައުންސިލުތަކުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އެފަހަރު ވެސް ވިދާޅުވެފައިވަނީ އެކަމުގައި ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށާއި އެކަމަށް ހައްލެއް ގެނެވޭނީ މަޖިލީހުގެ ތެރެއިން ގާނޫނީ ބަދަލުތައް ގެނެސްގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު