1000 އަށްވުރެ ގިނަ މީހުން ވަޅުލާފައިވާ ބޮޑު ކަށްވަޅެއް ޖަރުމަނުން ފެނިއްޖެއެވެ.

ޔޫރަޕުގެ ގައުމަކުން މިހާތަނަށް ފެނުނު އެންމެ ބޮޑު ކަށްވަޅު ޖަރުމަނުން ފެނިފައިވަނީ އެ ގައުމުގެ ދެކުނުން އޮންނަ ސިޓީއެއްގައި އިމާރާތެއް ކުރުމަށް ކޮންނަމުން ދަނިކޮށްކަމަށް އޮފިޝަލުން ބުނެއެވެ.

މި ބޮޑު ކަށްވަޅު ފެނުމާއެކު އާކިއޮލޮޖިސްޓުންގެ ޓީމަކުން ވަނީ އެ ސަރަހައްދު ދިރާސާކުރަން ފަށާފައެވެ.

އާކިއޮލޮޖިސްޓުން ވަނީ އެ ކަށްވަޅުން މިހާތަނަށް 1000 މީހުންގެ ކަށި ފެނިފައިވާކަމަށާއި ބޮޑަށް ލަފާކުރެވޭގޮތުން 1500 އަށްވުރެން ގިނަ މީހުން އެތަނުގައި ވަޅުލާފައިވާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ.

އާކިއޮލޮޖިސްޓުންގެ އޮފިޝަލުން ވަނީ އެއް ސަރަހައްދެއްގައި އެހާ ގިނަ ބަޔަކު ވަޅުލާނީ ކުރީ ޒަމާނުގައި ބައްޔެއްގެ ސަބަބުން ނުވަތަ ދިމާވާ ކާރިސާއެއްގެ ސަބަބުން މަރުވާ ގިނަ މީހުން ވަޅުލުމަށް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައެވެ.

އެހާ ގިނަ މީހުން ވަޅުލާފައި ހުރި އިރު އެއްވެސް ހަމައެއް ނެތި ފުންޏަކަށް ވަޅުލާފައި ހުރިކަމަށް ބެލެވޭކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އާކިއޮލޮޖިސްޓުން ވަނީ އެތަނުން ފެނުނު ބައެއް ސާމާނު ބޭނުންކޮށްގެން ހާއްސަ ދިރާސާއެއްވެސް ކޮށްފައެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ބޮޑަށް ބެލެވެނީ އެއީ 1400 ނުވަތަ 1600 ގެ އަހަރުތަކުގައި ވަޅުލާފައިވާ ކަށްވަޅެއް ކަމަށެވެ.