މި ބަރަކާތްތެރި ރަމަޟާން މަހު ހަގީގަތެއް ނެތް ދޮގު ވާހަކަތަކުން މުޖުތަމައު ކިލަނބު ނުކުރެއްވުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއވެ.
ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި މިއަދު ދެއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ، ރަމަޟާން މަހަކީ ހުރިހާ ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރުކަމަށްވާތީ، އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާ ކުރުން މުހިންމު ކަމަށެވެ.
"ސަރުކާރުން މި ކަމުގައި އިސްވެ ނަމޫނާ ދެއްކޭތޯ ބެލީމެވެ. މަސްވެރީން ކިރުވި މަހަށް ފައިސާ ނުލިބުމުގެ މައްސަލަ ރޯދައަށް ހައްލުކޮށްދެވުނެވެ. ކުއްލި ހާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައްވެސް ހައްލުކޮށްދެވުނެވެ. ދުއްވާ މީހުންނާ ހިނގައިބިނގައިވާ މީހުންގެ ލުއިފަސޭހައަށްޓަކައި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް ފިޔަވަޅުތަކެއް ވާނީ އަޅައިފައެވެ. ކޮންމެ ގޭ ބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމަކީވެސް މި ދެންނެވި ހެޔޮ ފޯރުވުމާއި ދޭދޭ ގުޅުންތައް ބަދަހިކުރުމުގެ އާދައަށް ތަރުހީބު ދިނުމެވެ.،"
ރައީސް ވިދާޅުވީ، ދިވެހީންގެ ތާރީހަށް ބަލާއިރުވެސް ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީވުމުގެ ލާމަސީލު ނަމޫނާ ދިވެހީންގެ ކިބައިން ދައްކައިދީފައިވާ މައްސަރެއް ކަމަށެވެ. މި މައްސަރުގައި މުޅި އުންމަތަށް ހެޔޮދުއާ ކޮށްދެއްވުމަށާއި ހާއްސަކޮށް އިސްލާމް ދީނާ މިނިވަންކަމުގެ ހައްގުގައި ފަލަސްތީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަސްރު ދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރެއްވުމަށް އެ ދުއާ ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
"މި ބަރަކާތްތެރި ރަމަޟާން މަހު ރައްޔިތުންނަށް އަޅުގަނޑުގެ އިލްތިމާސަކީ މިއެވެ. އަޅުގަނޑުމެން ދިވެހީންނަކީ އެއް އާއިލާއެއްކަން ހަނދާންކުރައްވާށެވެ. އެއް ދީނެއްގައި ތިބި އެއް ގައުމެއްގެ އަހުންނާއި އުހުތުންކަން އިހުސާސްކުރައްވާށެވެ. ދޭދޭ ގުޅުންތައް ބަދަހިކުރައްވާށެވެ. ހެޔޮކަމުގެ މި މޫސުމުގައި ކީރިތި ޤުރުއާން ރޫހާނީ މީރުކަން ހޯއްދަވާށެވެ. އަމިއްލަ ނަފުސާ މެދު އިތުރަށް ވިސްނައިވަޑައިގެން އިސްލާހުކުރައްވާށެވެ. ރީތި ހިމޭން ބަސްމަގުން ތެދުބަހުން މީހުންނާ މުއާމަލާތް ކުރައްވާށެވެ.،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު